ސްރިލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު، ރާއްޖޭން ލަންކާއަށް ފޮނުވާލައިފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދެމީހުން މަރާލާފައި ވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު، ތަލަންގަމާ ޕޮލިސް ޑިވިޝަންގެ ބާރުގެ ދަށުގައިވާ އަކުރެގޮޑާ ސަރަހައްދުގައެވެ.

ލަންކާގެ މީޑިއާއެއްގައިވާ ގޮތުން، ރާއްޖޭން ފޮނުވާލި މީހާއަކީ، އެ ދެ މީހުންގެ ގަޔަށް ބަޑި ޖެހި މީހުން ތިބި އުޅަނދު ދުއްވަން އިން މީހާއެވެ.

މީގެ އިތުރުން އެ މީހާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް، ރާއްޖޭން އޭނާ ލަންކާއަށް ފޮނުވާލީ އިއްޔެ ކަމަށް އެ ނޫހުގައިވެއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ރިޕޯޓުކޮށްފައިނުވެއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމީހާ އަކީ ރާއްޖޭގައި ކުރިން ވަޒީފާ އަދާކުރި މީހެކެވެ. އަދި އޭނާ ހިފެހެއްޓީ ރާއްޖެއަށް އެތެރެވުމުގެ ކުރިން ކަމަށްވެސް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.

މީގެއިތުރުން ލަންކާގެ މީޑިއާތަކުން ވަނީ، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ އޮފިސަރުން ހުކުރު ދުވަހު ކަޓުނަޔަކަގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް، 23 އަހަރުގެ އެ މީހާ ފޭބުމާ އެކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އިތުރަށް ތަހުގީގު ކުރުމަށްޓަކައި ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ ހަވާލުކޮށްފައި ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ މީޑިއާ އަކުން ބުނީ އެއީ 2021-2022 އަށް ރާއްޖޭގައި ވަޒީފާ އަދާކޮށްފައިވާ މީހެއް ކަން އެ މީޑިއާއަށް ޔަގީންވެފައި ވާ ކަމަށެވެ. އަދި އޭނާ ރާއްޖެ އަށް ވަނުމުގެ ކުރިން މި މަހުގެ 3 ވަނަ ދުވަހު އިމިގްރޭޝަން ޗެކިންއާ ހިސާބުން ހިފަހައްޓާފައިވާ ކަމަށާއި، އޭނާ އަނބުރާ ލަންކާއަށް ފޮނުވާލީ އިމިގްރޭޝަންގެ ޑިޓެންޝަނުގައި ބެހެއްޓުމަށް ފަހު ކަމަށްވެސް ބުނެއެވެ.

މީގެ އިތުރުން އޭނާ ރާއްޖޭން އަނބުރާ ފޮނުވާލީ އިއްޔެގެ މެންދުރުފަހުގެ ފްލައިޓަކުން ކަމަށްވެސް އެ މީޑިއާއިން ވަނީ ބުނެފަ އެވެ.

ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި އޮޕަރޭޝަންތައް ވަރުގަދަކޮށްފައި ވާއިރު ވާދަވެރި ގޭންގުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ބަޑީގެ ހަމަލާތައް ދިނުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ އަހަރު ވެސް ބަޑި ޖެހުމުގެ ވިއްސަކަށް ހާދިސާ ހިންގާފައިވާއިރު އެތައް ބަޔަކު އެ ހަމަލާތަކުގައި މަރުވެފައިވެ އެވެ. ލަންކާގެ ފުލުހުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 1،400 މީހުން ހަރަކާތްތެރިވާ 57 ގޭންގެއް ވަނީ ފާހަގަކުރެވިފަ އެވެ.