ކުރިއަށް އޮތް 5 އަހަރު ބޭންކިން ދާއިރާއިން އިންގިލާބީ ލުއިތަކެއް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ބޭންކިން ދާއިރާއަށް އަންނަ ބަދަލުތަކާއެކު، ވިޔަފާރިތަކަށް އިންގިލާބީ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ އެންމެ ބޮޑު ތަސައްވަރަކީ ފައިސާ ދެއްކުމުގެ މުއާމަލާތްތަކަކީ އެއްވެސް ތަކުލީފެއް ނެތި، ނިޒާމުގެ ތެރެއިން އަމިއްލައަށް ހިނގާ ކަމަކަށް ބަދަލުކުރުން ކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އެ ބަދަލުގެ ސަބަބުން، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އެކި ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ބޭންކުތަކުގެ މެދުގައި ވަގުތުންނާއި އޮޓޮމެޓިކުން ބެހިގެންދާނެ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެއީ އޭޕީއައި މެދުވެރިކޮށް ގުޅާލެވިފައިވާ، އެއް ނިޒާމުން އަނެއް ނިޒާމަށް މުއާމަލާތްކުރެވޭ ފަސޭހަ ފައިސާ ދެއްކުމުގެ ނިޒާމުގެ ބާރެއް ކަމަށެވެ. މީގެ އިތުރުން ޑިޖިޓަލް އައިޑެންޓިޓީއާއި ބަޔޮމެޓްރިކްސް ފަދަ ޒަމާނީ ވަސީލަތްތަކާއެކު މާލީ މުއާމަލާތްތަކަކީ މިހާރަށްވުރެ ރައްކާތެރި އަދި އެންމެނަށް އަތްފޯރާފަދަ ހިދުމަތްތަކަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވަނި ވިދާޅުވެފަ އެވެ.

ހަމަމިއާއެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް، ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވަގުތުން ދެނެގަނެ، މަކަރާއި ހީލަތުގެ މުއާމަލާތްތަކުން ކަސްޓަމަރުން ސަލާމަތްކުރުމަށް ފަސޭހަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ބައިނަލްއަގުވާމީ ވިޔަފާރީގެ ދުނިޔޭގައި އަލަށް ތައާރަފްވަމުން އަންނަ 'އޭޖެންޓިކް ކޮމާސް' ނުވަތަ އޭއައި އެޖެންޓުން މެދުވެރިކޮށް މުއާމަލާތްތައް ހިންގާ ނިޒާމަށް ދިވެހި ވިޔަފާރިތައް އަހުލުވެރިވުމުގެ މުހިންމު ކަމަށެވެ. އަދި އެއީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ބޭރު ފައިސާގެ މުއާމަލާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުޔެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.

ޝަރީފް ވަނީ މި ހުރިހާ ބަދަލަކަށް ބޭނުންވާ އެންމެ މުހިންމު އަސާސަކީ އިންސާނީ ވަސީލަތް ތަރައްގީކުރުން ކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ސައިބާ ސެކިއުރިޓީއަށް މީހުން ތަމްރީނުކުރުމާއި، ފިންޓެކް ކުންފުނިތަކާއި ތައުލީމީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.