ފަށާތައުލީމު މަރުހަލާގެ ފުރަތަމަ ފޮތް ސެޓް ނެރެފިއެވެ.

އެ ފޮތް ސެޓް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު އަދި އެ މަޝްރޫގެ މަސްޢޫލުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އެ ފޮތް ނެރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ މަޝްރޫޢު ފެއްޓެވީ 2021 ގައި ކަމަށާއި 65 ފޮތް ހިމެނޭ އެ މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭނެ ކަމަށެވެ.

އެގޮތުން އެ މަރުޙަލާތަކުގައި ޤައުމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤައި ޢަރަބި މާއްދާއެއް ވެސް ހިމެނޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ްމިގޮތުން އެ މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިއީ ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދިޔަ ތަޢުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ.

އަދި މިއީ އިސްލާމީ ފަލްސަފާގެ މައްޗަށް ފައުންޑޭޝަން ސްޓަޑީސް މަރުޙަލާގެ ފޮތްތަކެއް ނެރުމަށް ކުރެވުނު މުހިންމު މަސައްކަތެއްގެ ނަތީޖާ ކަމަށާއި މިއަދު ނެރެފައި ވަނީ ބޭބީ ނާސަރީގެ 16 ފޮތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ބާކީ 49 ފޮތް ނެރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ހުރިހާ ފޮތެއްވެސް ލިޔެ ނިމިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މި ފޮތްތައް އެކުލަވައިލެވިފައި ވަނީ ބެލެނިވެރިންނަށް ވެސް ގޭގައި ދަރީންނަށް ކިޔަވައި ދެވޭ ގޮތަށާއި، ފައުންޑޭޝަން މަރުހަލާގައި ޕްރީ ސްކޫލުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ.

މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ފޮތް ސެޓެވެ.

ފަށާތައުލީމު މަރުހަލާގެ ފުރަތަމަ ފޮތް ސެޓް، ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ.

ޤުރްއާން މާއްދާގެ ފޮތް ތައްޔާރުކުރެއްވުމުގައި ޢާބިދާ މިސް ބައިވެލެއްވިއެވެ. ބޭބީ ނާސަރީގެ ޢަރަބި މާއްދާގެ ފޮތް ތައްޔާރު ކުރެއްވީ ނީނާ މިސްއެވެ. ފޮތްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ޑިޒައިން ކުރީ ޚަދީޖާ ޢަބްދު ﷲ އެވެ.