އިއްޔެ އެކަނިވެސް އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 16 މީހަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި 48 ގަޑިއިރު ތެރޭ ފަލަސްތީނުގެ ޣައްޒާއިން 16 މީހެއްގެ ހަށިގަނޑު ހޮސްޕިޓަލުތަކަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހަމަލާތަކުގައި ޝަހީދުވި 6 މީހަކާއި، ލިބުނު ބޮޑެތި ޒަހަމްތަކުގެ ސަބަބުން ނިޔާވި މީހަކާއި، ހަމަލާތަކުގައި ބިމާހަމަވި އިމާރާތްތަކުގެ ކުނިފުނިތަކުގެ ދަށުން ފެނުނު 9 މީހެއްގެ ހަށިގަނޑު ހިމެނޭ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އަދި މި މުއްދަތުގައި އިތުރު 16 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

11 އޮކްޓޯބަރު 2025 ގައި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް މެދުކަނޑާލުމަށްވީ އެއްބަސްވުމަށްފަހުވެސް މިހާތަނަށް 1،066 މީހުން ޝަހީދުވެ، 3،445 މީހުން ޒަހަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި 797 މީހެއްގެ ހަށިގަނޑު ބިމާހަމަވެފައިވާ އިމާރާތްތަކުގެ ކުނިފުނިތަކުގެ ދަށުން ހޯދާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިތުރަށް ބުނާގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 73،090 ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު، 173،553 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

އޮކްޓޯބަރު 7، 2023 ގައި ފެށުނު މި ހަމަނުޖެހުންތަކަކީ ޒަމާންވީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގެ ތެރެއިން ހިނގަމުންދާ އެންމެ ނުރައްކާތެރި އަދި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންދާ މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސް، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ޖެހި، ބޮޑު އިންސާނީ ކާރިސާއަކަށް ވަނީ ބަދަލުވެފައެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި މި ހަމަލާތައް ހުއްޓުވުމަށް ގޮވާލަމުން ދިޔަނަމަވެސް، އަދިވެސް ހަނގުރާމަ ހުއްޓުމަކަށް އައިސްފައި ނުވާއިރު، އާންމުންގެ އެތައް ބަޔަކު ދަނީ ކޮންމެ ދުވަހަކު ޝަހީދުވަމުންނެވެ.