ބޭހުގެ އަގު 6،000 ރުފިޔާއަށްވުރެ މަތީގައި ހުރީ، ބޭހުގެ އެކި ބްރޭންޑްތައް ލިބެން ހުންނަ އަގުތައް ތަފާތުވުމާ ގުޅިގެން ކަމަށް ސްޓޭޓް ފާމާއިން ބުނެފިއެވެ.

ސްޓޭޓް ފާމާއިން މިހެން ބުނެފައިމިވަނީ މިއަދު ހެނދުނު ސްޓޭޓް ފާމާ ހެންވޭރު ފާމަސީއަކުން ކަސްޓަމަރަކަށް ދޫކުރި ބޭހަކީ އެސްޓީއޯ ފާމަސީން 2480.90 ރުފިޔާއަށް ވިއްކާ އިންޖެކްޝަނެއް ކަމަށާއި ސްޓޭޓް ފާމާ އިން 6580.32 ރުފިޔާއަށް އެ އިންޖެކްޝަން ދޫކުރިކަމަށް ބުނެ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ. މިޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އަގަށް ބަދަލު އައިސްފައިމިވަނީ އެސްޓޯއިން ހިންގަމުން އައި ބޭސް ފިހާރަ ސްޓޭޓް ފާމާ އަށް ބަދަލުކުރި ފަހުންކަމަށެވެ. އަދި އިންޖެކްޝަނަށް ލާރި ދެއްކުމުންވެސް އިންޖެކްޝަން ނުލިބޭކަމަށް އެޕޯސްޓުގައި ބުނެފައިވެއެވެ.

އެކަމަށް ރައްދުދެމުން ސްޓޭޓް ފާމާއިން ބުނީ އެ ބޭސްތަކުގެ ޖުމްލަ އަގަކީ -/2،977.15 (ދެހާސް ނުވަސަތޭކަ ހަތްދިހަ ހަތެއް ރުފިޔާ ފަނަރަ ލާރި) ކަމަށެވެ.
ސްޓޭޓް ފާމާ ބުނީ މި ބޭހަކީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވާއިރު، ބޭސް ދޫކޮށްފައިވަނީ އިންޝުއަރެންސް ޕާޓްނަރ ސްލިޕަށް ސްޓޭޓް ފާމާ ފާމަސީން އިން ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ކުންފުނީގެ ލެޓަރހެޑްގައިވާ ކޯޓޭޝަންގައި ބޭހުގެ އަގު 6،000 ރުފިޔާއަށްވުރެ މަތީގައި ހުރީ، ބޭހުގެ އެކި ބްރޭންޑްތައް ލިބެން ހުންނަ އަގުތައް ތަފާތުވުމާ ގުޅިގެން ކަމަށެވެ. އަދި ބޭހުގެ އެކި ބްރޭންޑްތަކުގެ އަގުތައް ތަފާތުވުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އާސަންދަ ކަވަރ ނުކުރާ ބޭސްތަކަކީ، ގިނަ ފަހަރު ވިރަ މެދުވެރިކޮށް އަދި ގުޅިފައިވާ އެހެން އެޖެންސީތަކުގެ އެހީގައި ގެންނަ ބޭސް ކަމަށްވާއިރު، ކަސްޓަމަރުގެ އަތުން ފައިސާ ނަގާފައި އޮތްކަމަށް ދޭހަވާ މޭރުމުން އޮތުމަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް އެއިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
މީގެކުރިން އެސްޓީއޯއިން ހިންގަމުން އައި ހުރިހާ ބޭސް ފިހާރަތަކެއް ޖުލައި 1 ވަނަ ދުވަހުން ފެށިގެން ވަނީ ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށްފައެވެ. ސްޓޭޓް ފާމާގެ ބޭސް ފިހާރަތަކުން ބޭސް ދޫކުރާއިރު އާސަންދަ ނޫން އެހެން އިންޝިއުރަންސް ސްކީމްތަކުން ބޭސް ނެގެން ނެތްކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ. އެކަމުގެ ސަބަބުން ބޭހުގެ އަގު ބޮޑުވުމުގެ މައްސަލަ ކުރިމަތިވާއިރު ބޭނުންވާ ބޭސް ނުލިބުމުގެ ޝަކުވާވެސް އާންމުންކުރެއެވެ.