އަވަހާރަކޮށްލާފައިވާ އިރާނުގެ ކުރީގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާ އިރާނުގައި ފެށިގެން ކުރިޔަށްދާއިރު އިރާނުގެ ސަރުކާރުން ގެންދަނީ ވީހާވެސް ގިނަ ބަޔަކު މަގުތަކަށް ނިކުމެ ޖަނާޒާގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ބާރު އަޅަމުންނެވެ. އެގޮތުން އާދިއްތަ ދުވަހާއި ހޯމަ ދުވަސް އިރާނުގެ ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އަދި އަންގާރަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އެތައް މިލިއަން ބަޔަކު މިހާރުވެސް ތެހެރާންގެ މަގުތަކަށް ނިކުމެފައިވާއިރު އިރާނު ސަރުކާރުން މިޖަނާޒާގައި އެންމެ ބޮޑަށް ޕްރޮމޯޓްކުރާ މެސެޖަކީ ކުރިޔަށްދިޔުމާއި އަވަހާރަކޮށްލި ޚާމަނާއީގެ މަރުގެ ބަދަލު ހިފުމެވެ. އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީ އަވަހާރަވީ އަހަރެއްގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދިން ދެވަނަ ހަމަލާގައި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު ހަމަލާދިނީވެސް ސީދާ ޚާމަނާއީ އަވަހާރަކޮށްލުމަށް ޚާމަނާއީ އުޅުއްވާ ގެކޮޅަށެވެ.
37 އަހަރު އިރާނުގެ އެންމެ އިސްލީޑަރ، ސްޕްރީމް ލީޑަރުކަމުގައި ޚާމަނާއީ ހުންނެވިއިރު މިހާރު ކުރިޔަށްދާ ޖަނާޒާގައި ގިނަ އަދަދަކަށް ރަތްކުލައިގެ ދިދަތައް ފެނެއެވެ. އެއީ ޝަހީދުވުމާއި ބަދަލުހިފުމުގެ ނިޝާނެއްގެ ގޮތުގައި ބޭނުންކުރާ ދިދައެކެވެ. ރަތް ކުލައިގެ ދިދަތައް ޖަނާޒާގެ ކަންކަން މިހާރު ކުރިޔަށްދާ މައި ތަންކަމުގައިވާ ތެހެރާންގެ ގްރާންޑު މުސައްލާ އަދި އެހެނިހެން ބޮޑެތި އެއްވުންތަކުންވެސް ދަނީ ފެންނަމުންނެވެ.
ޖަނާޒާގެ ހަރަކާތްތަކުގައި ބޭނުންކުރާ ރަސްމީ ސްލޯގަން އަކީ "އަހަރުމެން ތެދުވަންޖެހޭ" އެވެ. ޚާމަނާއީގެ ފޮޓޯ އާއެކު މި ސްލޯގަން ބޭނުންކޮށްފައިވާ މަންޒަރުތައް ޖަނާޒާގެ ތެރެއިން ދަނީ ފެންނަމުންނެވެ. ޚާމަނާއީ އަށް އެންމެފަހުގެ އިޚުތިރާމް އަދާކުރުމަށް އެތައް ހާސް ބަޔަކު ގްރޭންޑް މުސައްލާ ހުޅުވުމުގެ އެތައް ގަޑިއިރެއްކުރިން ކިޔުގައި ޖެހިގެން ތިއްބެވެ.
ޚާމަނާއީގެ ސަންދޯއް އޮތް ލޮރީ ރަސްމިއްޔާތު އޮތްތަނުގައި ހުރި ސްޓޭޖު މަތީގައި އޮތްއިރު އެސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަނީ އައިއާރުޖީސީންނެވެ. ސަންދޯއް އޮތް ތަނާ އެއްވެސް މީހަކު ކައިރިވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން ތިބީ ތައްޔާރީ ހާލަތުގައެވެ. ރަސްމިއްޔާތު އޮތްތަނުގައި އަންހެނުންނާއި ފިރިހެނުންނަށް ތިބެވެނީ ވަކިންނެވެ. އަޑުގަދަ ކުރާއިން ސްލޯގަން ތަކާއި ދީނީ އެހެނިހެން ޝުއޫރުތައް ދަނީ ފާޅުކުރަމުންނެވެ.
އިރާނުގެ ދައުލަތުގެ މީޑިޔާއިން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މެޓްރޯ ސްޓޭޝަންތަކުގައި ތިބި އެތައް ހާސް ބަޔަކު ވަނީ އެމެރިކާ އާއި އިސްރާއީލަށް އަމާޒުކޮށް ޑެތު ޓު އެމެރިކާ އަދި ޑެތު ޓު އިސްރާއީލު ގޮވާފައެވެ. އެއްވެފައިވާ ގިނަ ބަޔަކު ދީފައިވާ އިންޓަރވިއުތަކަށް ބަލާއިރު އެމީހުން ބޭނުންވަނީ އަވަހާރަކޮށްލި ސްޕްރީމް ލީޑަރުގެ މަރުގެ ބަދަލު ހިފާށެވެ. އެއާއެކު ކުރީގެ ސްޕްރީމް ލީޑަރުގެ ދަރިކަލުން އަދި މިހާރުގެ ސްޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީގެ އަޑު އަހާ އެގޮތުގައި ކުރިޔަށްދާނެކަމަށް ވަނީ ބުނެފައެވެ.
ސެކިޔުރިޓީ ވަރުގަދަ:
މުޅި ތެހެރާނުންވެސް ފެންނަނީ ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާތަނެވެ. ހަތިޔާރާއެކު ސަލާމަތީ ފައުޖުތައް ހަރަކާތްތެރިވާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. ގްރާންޑް މުސައްލާ އަށް ފިރިހެނުންނަށް ވަދެވެނީ ހަށިގަނޑު ޗެކްކުރުމަށްފަހުއެވެ. އެއްވެސް ޒާތެއްގެ އިލެކްޓްރޯނިކް އާލާތެއް އޭގެތެރޭގައި ޕަވަރ ބޭންކު، އިއަރ ފޯން އަދި ލައިޓަރ ނުވެއްދެއެވެ.
އިރާނުގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި އިރާނުގެ ރިވޮލިޔުޝަނަރީގެ މޭސްތިރިޔާ ރޫހުﷲ ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވި އަދަދާ ކައިރިކުރާ ވަރަކަށް މިފަހަރުގެ ޖަނާޒާގައިވެސް މީހުން ބައިވެރިވާނެއެވެ.
އެތައް މިލިއަން ބަޔަކު މަގުތަކަށް ނިކުމެއުޅޭތީ ދިމާވެދާނެ ކަންކަމަށްވެސް އިރާނު ސަރުކާރުން އޮތީ ތައްޔާރުވެފައެވެ. ހޫނުމިން 36 ޑިގްރީ ސެލްސިއަސްގައި ހުރިއިރު ބޯފެނާއި އިތުރު ބުއިންތައް އާންމުންނަށް ދިނުމާއި ފަންކާ ހިފައިގެން އެތައް ހާސް ވޮލަންޓިއަރުންނެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ތޮއްޖެހިގެން ނުވަތަ ހޫނުގެ ސަބަބުންވެސް ދިމާވެދާނެ އެމަރޖެންސީ ހާލަތެއްގައި އެހީތެރިވެދިނުމަށްވެސް އެތައް ހާސް ބަޔަކު ތިބީ ތައްޔާރީ ހާލަތުގައެވެ. ތެހެރާންގެ ބޮޑު ބަޔެއް ވަނީ ކޯޑަންކޮށްފައެވެ. ރަސްމީ ވެހިކަލަކަށް ނޫނީ ވަދެ ނިކުމެ ނޫޅެވޭނެއެވެ. އެހެންގޮތަކަށް ބުނާނަމަ މުޅި އިރާނު އެއްކޮށް ކަހަލަ ގޮތަކަށް ހޯމަ ދުވަހާ ހިސާބަށްދާއިރު ބަންދުވާނެއެވެ. ހުރިހާ ތަނެއް ބަންދުކުރާނެއެވެ. ބޭނުމަކީ ވީހާވެސް ގިނަބަޔަކު ޖަނާޒާގެ ހަރަކާތްތަކުގައި ޝާމިލުކުރުމަށް ނެރުމެވެ.
ޖަނާޒާގެ ކަންކަން:
ޚާމަނާއީގެ ހަށިކޮޅު އޮތް ލޮރީ މުޅި ތެހެރާންގެ މަގުތަކުގައި ދުއްވާނެއެވެ. މީގެއިތުރުން ޚާމަނާއީގެ ހަށިކޮޅު ގޯމް، ނަޖަފު އަދި ކަރުބަލާއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޚާމަނާއީ ފަސްދާނުލާނީ ބުރާސްފަތި ދުވަހު މަޝްހަދުގައެވެ.
އިރާނުގެ ބައެއް ރައްޔިތުން ވަނީ ބައިބޯވުމާއި ތެހެރާންގެ ހޫނުން ސަލާމަތްވުމަށް އުތުރުގައި އޮންނަ ޕްރޮވިންސްތަކަށްވެސް ދަތުރުކޮށްފައެވެ. އެހެންވެ ދިގު ޓްރެފިކެއް ވަނީ ތެހެރާނުން އުތުރު ޕްރޮވިންސްތަކަށް ދަތުރުކުރާ މަގުތަކުން ފެނިފައެވެ.
ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން އައިއާރުޖީސީގެ ކޮމާންޑަރ އިން ޗީފް އަހުމަދު ވަހީދީ ވަނީ ވީހާވެސް ގިނަ ބަޔަކު ޖަނާޒާގައި ބައިވެރިވުމަށް ހިތްވަރުދީ ވާހަކަދައްކަވާފައެވެ. އެގޮތުން ޚާމަނާއިގެ މަރުގެ ބަދަލު ހިފާނެކަން ދުޝްމަނުންނަށް އެނގެންވާނެކަމަށާއި ޚާމަނާއީ އަވަހާރަކޮށްލުމަކީ ދުޝްމަނުން ބަލިވެ އިރާނަށް ކާމިޔާބު ލިބުމަށް މަގުފަހިވާކަމެއްކަން ދުޝްމަނުންނަށް އެނގެންވާނެކަމަށް ވިދާޅުވެފައެވެ.