ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އަކީ ރައީސް ބޭނުންފުޅުވާ ފެންވަރަށް އަދި ކެޕޭސިޓީ އިތުރު ކުރެވިފައިވާ ތަނެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ޤައުމީ މަސައްކަތްތަކަށް އަލިއަޅުވާލައި އެކަމަށް ޚާއްޞަކުރެވިފައިވާ މި އެޕިސޯޑްގައި، "ދަ ޕްރެސް" ނޫހުގެ ފަރާތުން ދެންނެވި ސުވާލުތަކަށް ރައީސް ވަނީ ޖަވާބުދެއްވާފައެވެ.

އެ މަނިކުފާނު ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ އެތަން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށާއި އެންޑީއޭގެ ތެރޭގައިވެސް ހައްލު ކުރަން ޖެހޭ ބައިވަރު މައްސަލަތައް އެބަހުރި ކަމަށެވެ. ވަރަށް ގިނަ ކަންތައްތައް ނޭދެވޭ ގޮތެއްގައި މުއައްސަސާގެ ތެރޭގައި ވެސް ހިނގާތީވެ މިހާތަނަށް މިކަން ގޯސްކޮށް އޮތީކަމަށް ރައީސް ވިދާޅުވިއެވެ.

އެންޑީއޭ އަށް ފްރެޝް އެޕްރޯޗެއް އެންޑީއޭ ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މި ގެންގުޅެން އިރާދަކުރެވިއްޔާ އެތަނުގެ ތެރެއިން ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް އަދި ފަރުވާ ދެވޭ ގޮތް ފަރުވާ ދިނުމަށްޓަކައި މަސައްކަތް ކުރާ މުވައްޒަފުންގެ ކެޕޭސިޓީ އިތުރު ކުރުމާއި ޓްރޭނިގް ދިނުމަށް އިތުރު މުވައްޒަފުން އިތުރު ކުރުމާއި އަދި އެންޑީއޭގެ ހުރިހާ ގޮތަކުން ކެޕޭސިޓީ އިތުރު ކުރުމަކީ ސަރުކާރުގެ ސިޔާސަތެކޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އެހެން ކަމުން މުޅި މައްސަލައަށާއި އެންޑީއޭއަށް ވެސް ހައްލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހެން ހުރި މައްސަލަ ތަކަށް ސީދާ އެޑްރެސްކޮށްގެން މައްސަލަ ހައްލު ކުރެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތްތާންގައި ފަރުވާ ބޭނުންވާ މީހުންގެ ވެއިޓިންގް ލިސްޓަށް ވެސް އެދެވޭ ބަދަލެއް ގެނެވޭނެއެވެ. އޭގެ އިތުރަށް ދެވޭ ފަރުވާގެ ފެންވަރު ވެސް އިތުރުވެގެން ދާނެ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.