އަވަހާރަކޮށްލާފައިވާ އިރާނުގެ ކުރީގެ ސްޕްރީމް ލީޑަރ އަލީ ޚާމަނާއިގެ ޖަނާޒާގެ ކަންކަން އިރާނުގައި މިހާރު ކުރިޔަށްދާއިރު ޖަނާޒާގައި މިހާރުގެ ސްޕްރީމް ލީޑަރު އަދި އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީއަށް ސަލާމަތީ ބައިވެރިވެވަޑައިނުގެންނެވޭނެކަމަށް ބޭރު ދުނިޔޭގެ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
އަލްޖަޒީރާއިން އެމެރިކާގެ މީޑިޔާ ރިޕޯޓްތަކާ ހަވާލާދީ ބުނެފައިވަނީ ބައްޕާފުޅުގެ ޖަނާޒާގައި މުޖުތަބާ ޚާމަނާއީ ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވެގެން އެކަމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެކަމުގެ ހުއްދަދެވިފައިނވާކަމަށް އިރާނުގެ ރިވޮލިޔުޝަނަރީ ގަރޑްސްގެ ދެ މެމްބަރަކާ ހަވާލާދީ އެމެރިކާގެ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ. ނަމަވެސް މާބޮޑު ތަފްސީލުތަކެއް ހާމަކޮށްފައެއްނުވެއެވެ.
ޚާމަނާއީ އަވަހާރަކޮށްލުމުން ސްޕްރީމް ލީޑަރުކަމަށް އައްޔަނުކޮށްފައިވަނީ ދަރިކަލުން މުޖުތަބާ ޚާމަނާއީއެވެ. މުޖުތަބާ ޚާމަނާއީ ސްޕްރީމް ލީޑަރުކަމަށް އައްޔަނުކުރީ މަރޗް މަހުގެ 8 ވަނަ ދުވަހުއެވެ. އޭގެފަހުން މިހާތަނަށް އައިއިރު މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއިން ފެނިފައެއްނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެހަމަލާގައި މުޖުތަބާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގަންނަވާފައެވެ. އެކަމަށް ބާރުދޭ ގޮތަށް އެމެރިކާ އާއި އިސްރާއީލުގެ ވެރިންވަނީ ވާހަކަދައްކާފައެވެ.
ނިއުޔޯރކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވަޑައިގެން އިސްވެ ކަށުނަމާދުކުރައްވަންވެސް މުޖުތަބާ ޚާމަނާއީ ބޭނުންފުޅުވެއެވެ. ޖަނާޒާގެ ކަންކަން އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ މީހުންކަމަށް ބުނެ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނެފައިވަނީ މިހާތަނަށް އައިއިރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ މުޖުތަބާ ޚާމަނާއީއަށް ދީފައެއްނުވެއެވެ.
މިހާތަނަށް އައިއިރުގައި އިރާނުގެ އެއްވެސް އޮފިޝަލަކު މުޖުތަބާ ޚާމަނާއީ ބައްޕާފުޅުގެ ޖަނާޒާގެ އެއްވެސް ހިސާބެއްގައި ބައިވެރިވެވަޑައިގަންނަވާކަމާމެދު ރަސްމީކޮށް އެއްޗެއް ވިދާޅުވެފައެއްނުވެއެވެ. ބައެއް ރިޕޯޓްތައް އިރާނުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ މުޖުތަބާ ޚާމަނާއީ ބައްޕާފުޅުގެ ޖަނާޒާގެ އެއްވެސް ހިސާބަކުން ފެނުމުގެ ފުރުސަތު ކުޑައީ އެމެރިކާ އާއި އިސްރާއީލުން މުޖުތަބާ ޚާމަނާއީ އަށް އަމާޒުކޮށް ހަމަލާއެއްދީފާނެތީއެވެ. އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައި އިރާނުގެ އެންމެ އިސްވެރިޔާ ސްޕްރީމް ލީޑަރުން ފެށިގެން ގިނަ އަދަދެއްގެ ލީޑަރުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އަލީ ޚާމަނާއީ އަވަހާރަކޮށްލަން ދިން ހަމަލާގައި ޚާމަނާއީ ވަނީ އަވަހާރަވެފައެވެ. އަލީ ޚާމަނާއީ ފަސްދާނަލުން އޮންނާނީ ޖުލައި 9 ވަނަ ދުވަހު މަޝްހަދުގައެވެ.