މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ ތެރޭގައި ހުރި ނުބައި ނުފޫޒުތައް ނައްތާލެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ޤައުމީ މަސައްކަތްތަކަށް އަލިއަޅުވާލައް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިދާއިރާއިން ފުލުހުން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް މިސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުން އިތުރަށް ބާރުވެރިކުރުވުމަށް މަސައްކަތްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ފާއިތުވި ދެ އަހަރާއި ބައި ގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރެވިފައިވާކަމަށާއި މިދާއިރާއިން ފުލުހުންގެ އިދާރާ ހަރުދަނާކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ތެރެއިން އަދި އެހެން ގޮތްގޮތުންވެސް ގޭންގުކުށްތަކުގެ އަދަދުވެސް މަދުކުރެވިފައިވާކަމަށާއި އެއާއެކު ގޭންގާއި ގުޅުންހުރި މަރުތައްވެސް މިހާރު ނުހިނގާކަމަށެވެ.
މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް އެންމެން ގުޅިގެން ކުރެވޭ މަސައްކަތާއެކު އެކަން ކާމިޔާބުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.