ހއ. ބާރަށުގައި ހުރި ތާރީހީ އަދި އާސާރީ ބިނާތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ބާރަށުގައި ހުރި އިތުރު އާސާރީ ބިނާތައް ހިމާޔަތްކުރަނީ
ބާރަށުގައި ހުރި އިތުރު އާސާރީ ބިނާތައް ހިމާޔަތްކުރަނީ

ވަޒީރު މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އުތުރުގެ ތިން ރަށެއްގައި ހުރި އާސާރީ ތަންތަން ހިމާޔަތްކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ބާރަށަށް ވަޑައިގެން އެރަށުގެ ބިނާތައް ބައްލަވައިލެއްވުމަށްފަހުގައެވެ. މި ދަތުރުފުޅަކީ ކުރިއަށް އޮތް ގައުމީ ދުވަހުގެ ތައްޔާރީތައް އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެއްވެސް މެއެވެ.

ބާރަށު ކައުންސިލާ ބައްދަލުކުރައްވައި ވަޒީރު ވަނީ، އެރަށުގެ ތަރިކަ ހިމާޔަތްކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތަފްސީލު ހޯއްދަވާފައެވެ. އަދި އާސާރީ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި، ކައުންސިލުގެ ތަސައްވުރާއި ރައްޔިތުން ބޭނުންވާ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ވަޒީރު ބާރަށަށް ކުރެއްވި މި ދަތުރުފުޅުގައި އެ ރަށުގެ އާސާރީ ބިނާތަކަށް ޒިޔާރަތްކުރައްވައި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަހައްދާއި ވާރުގެ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން، ތާރީޚީ ކަޅުއޮށްފުންމި ބޭއްވުނު އޮޅުފަތި ކޯރަށާއި، އެ އޮޑި އައްސާފައި ބޭއްވުމަށް ބޭނުންކުރި ތިން ބެރެބެދިގަސް ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލެއްވިއެވެ. މި ދަތުރުފުޅުގައި ރަށުގެ އެކި ކުޅިތަކަށާއި، ތާރީޚީ ހުކުރު މިސްކިތުގެ އިތުރުން، ރަށުގެ ފާހަގަކޮށްލެވޭ މުހިންމު އެހެނިހެން އާސާރީ ތަންތަނަށްވެސް ވަޒީރު ޒިޔާރަތްކުރެއްވިއެވެ.