ކޭޕް ވާޑް އަތުން އުނދަގޫ މޮޅެއް ހޯދައި އާޖެންޓީނާއިން ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކުރި މެޗަށް ފަހު، ލިއޮނަލް މެސީ ކޭޕް ވާޑް ޓީމަށް ތައުރީފުކޮށްފި އެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މިއަދު ކޭޕް ވާޑް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެސީ ޖަހައިދިން ލަނޑުން އާޖެންޓީނާއިން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު ކޭޕް ވާޑުން އެއްވަރުކުރި އެވެ. އޭގެފަހުން އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލިސާންދްރޯ މާޓިނޭޒްގެ ލަނޑެއް ޖަހައި އާޖެންޓީނާއަށް އަލުން ލީޑު ހޯދައިދިން ނަމަވެސް، އެ ހާފު ނިމުމުގެ ކުރިން ކޭޕް ވާޑުން ވަނީ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.
ކޭޕް ވާޑް ބަލިވީ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ބައިކޮޅަށް ވަން ލަނޑަކުންނެވެ.
މި މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނީ، ކޭޕް ވާޑާ ދެކޮޅަށް ކުޅެން އުނދަގޫވާނެކަން މެޗަށް ނުކުތް އިރު ވެސް އެނގޭ ކަމަށެވެ. އެގޮތުން، ގްރޫޕް ސްޓޭޖުގައި ސްޕެއިން އާއި އުރުގުއާއީ އަތުން ވެސް ކޭޕް ވާޑް ބަލިނުވީ އިއްތިފާގަކުން ނޫން ކަމުގައި ފާހަގަކޮށް، މެސީ ވަނީ މުބާރާތުގައި އެ ޓީމުން ދެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ.
މީގެއިތުރުން، މެސީ ވަނީ މިއަދުގެ މެޗުގައި ތަފާތު ކުޅުމެއް ދައްކައި އަށް ސޭވް ކުރި ކޭޕް ވާޑްގެ 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ އަށް ތައުރީފުކޮށް ހިތްވަރުދީފަ އެވެ. އެގޮތުން މިފަހަރުގެ މުބާރާތުގެ މެޗުތަކުގައި ވޮޒީނިއާ ދެއްކީ ކޭޕް ވާޑްގެ ރައްޔިތުން ފަހުރުވެރިވާނެ ފަދަ މޮޅު ކުޅުމެއް ކަމަށް މެސީ ބުނެފައިވެ އެވެ.
މެޗާ ބެހޭގޮތުން އިތުރަށް ވާހަކަދައްކަމުން މެސީ ބުނީ އާޖެންޓީނާއަށް ރޭގެ މެޗުގައި ގިނަ ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު އެންމެ މުހިއްމީ ދެން އޮތް ބުރާ މެދު ވިސްނުން ކަމަށާއި، ރޭގެ މެޗުގެ ރަނގަޅު ކަންކަމުން ހިތްވަރު ލިބިގެން ކުރިއަށް އޮތް މެޗަށް ތައްޔާރުވާން ޖެހޭ ކަމަށް މެސީ ވަނީ ބުނެފަ އެވެ.
ވޯލްޑް ކަޕްގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި އާޖެންޓީނާ ނުކުންނާނީ، ޕެނަލްޓީ ޖަހައިގެން ރޭ އޮސްޓްރޭލިއާ ކަޓުވާލި އިޖިޕްޓާ ދެކޮޅަށެވެ.