މަސްތުގެވަބާއިން ރާއްޖެ ސަލާމަތް ކުރަން އުޅޭތާ 29 އަހަރު ވެއްޖެ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ އެކްޓިންގް ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ވިޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި މަސްތުގެވަބާއިން ރާއްޖެ ސަލާމަތް ކުރުމާއި ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާޝިދު ވިދާޅުވީ މަސްތުގެވަބާއަށް ފަރުވާ ދޭންފެށިތާ މިހާރު 29 އަހަރު ވެއްޖެކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ތަފާތު ހިޔާލުގެ ވެރިން އައިސްފައިވާކަމަށާއި އެހެންކަމުން ކަންކުރާ ގޮތަށް ކޮންމެ ފަހަރަކުވެސް ބަދަލުތައް އަންނަކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ބައެއް ފަހަރު ހެޔޮ ބަދަލު އަނެއް ބައި ފަހަރު ނޭދެވޭ އަސަރުތައް ކުރާ ކަމެއް ކަން ރާޝިދު ފާހަގަކުރެއްވިއެވެ.

ދެން އަޅުގަނޑު ޕާސަނަލީ ޤަބޫލު ކުރާގޮތުގައި ކޮންމެ ބަޔަކު ސަރުކާރުގައި ތިއްބަސް މަސްތުވާ ތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް އެފަރާތެއް ނުވަތަ އޭރެއްގެ އެބަޔެއްގެ ވިސްނުމަށް އައި ރަނގަޅު ހުރިހާ ގޮތެއްވެސް ބޭނުން ކުރާނެ

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ އެކްޓިންގް ސީއީއޯ މުހައްމަދު ރާޝިދު

އޭގެ ސަބަބެއްގެ ގޮތުގައި ރާޝިދު ވިދާޅުވީ ސިޔާސީ ނަޒަރިއްޔާތަކުން އެކަމަށް ބަލާނަމަ ކޮންމެ އާއިލާއެއްގެ ތެރޭގައި ވެސް އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތި ކަމަށެވެ.

އެގޮތުން މިސާލަކަށް ރާޝިދު ނެންގެވީ ދެމަފިރިއަކަށް ފްލެޓްއެއް ދިނުން ނުވަތަ އެމީހުންނަށް ކޮންމެވެސް އެހެން އެހީތެރިކަމެއް ފޯރުކޮށްދިނުމަށްވުރެ އެމީހުންނަށް އެ ނިދި ނުލިބޭ ތަކުލީފުތަކަށް ހައްލުހޯދައިދީ އުންމީދު ކަޑާލާފައިވާ ދަރިފުޅަށް މަގެއް ދައްކައިދިނުން މާ މުހިންމުކަމަށެވެ.

އެހެންވީމަ މިދެންނެވި ގޮތައް އެންމެންވެސް ބޭނުންވާނެ މިކަން ހާސިލްކުރަން މުޖުތަމައުގައި އޮތް އެންމެ ބޮޑު މައްސަލައަށް ހައްލެއް ހޯދަން. އެހެންނަމަވެސް އެކަމަށް ހައްލު ނުހޯދެވިފަ މިއޮތް ހުރިހާ ދުވަހު މިތިބީ. އޭގެ ސަބަބަކީ އެއްކަލަ ފްރޭމްގެ ތެރެއިން އެ ގަބޫލު ކުރުން ވަކި އޮނިގަނޑެއްގެ ތެރޭގައި އެކަން ކުރަން ޖެހުން

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ އެކްޓިންގް ސީއީއޯ މުހައްމަދު ރާޝިދު

މީގެ އިތުރުން 2005ން ފެށިގެން މިދާއިރާގައި މަސައްކަތްކުރައްވަމުން ގެންދެވިކަން ފާހަގަކުރައްވާ ރާޝިދު ވިދާޅުވީ މަސައްކަތްކުރީ ދުނިޔޭގެ މިކަމުގައި އޮންނަ ބެސްޓް ޕްރެކްޓިސްއަކީ ކޮބައިތޯ ބެލުމަށްކަމަށެވެ. އެންމެ ކާމިޔާބުކޮށް އެކަން ކުރެވިފައި ތިބި މީހުން ބޭނުން ކުރީ ކޮން އުކުޅުތަކެއްތޯ ބެލުން ކަމަށާއި ދުނިޔޭގައި ކަން ކުރަން ގެންގުޅޭ ހަމަ ތަކަކީ ކޮބައިތޯ ބެލުން ކަމަށް ރާޝީދު ވިދާޅުވިއެވެ.

އޭރުއްސުރެ މިއަދާ ހަމައަށްވެސް އެވިޑެންސް ބޭސްޑް ދުނިޔޭގެ ބެސްޓް ޕްރެކްޓިސް ހޯދަނީކަމަށް ރާޝިދު ވިދާޅުވިއެވެ. އެހެން ތިއްބާ ދެ ޖީލު މީގެ ތެރެއަށް ވަދެ ހަލާކުވެފައިވާ ކަމަށް ރާޝިދު ވިދާޅުވިއެވެ. ދިވެހި ދަރިންނަށް އެންމެ ހެޔޮގޮތް ދައްކާދީ އެމީހުން އަތުލަފިކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އެމީހުން ހެޔޮމަގަށް އެޅުވުމަށް ވަކި ދިވެހިންނަށް ވުރެ މޮޅު ބަޔަކު އަންނާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ރާޝިދު ވިދާޅުވިއެވެ.