އަވަހާރަކޮށްލާފައިވާ އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ އަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް 10 މިލިއަނަށް ވުރެ ގިނަ ރައްޔިތުން ތެހެރާންގެ މަގުތަކަށް ނިކުމެއްޖެއެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ޚާމަނާއީ އަވަހާރަކޮށްލަން ދިން ހަމަލާގައި އަވަހާރަވި ޚާމަނާއީގެ ޖަނާޒާގެ ކަންކަން 7 ދުވަހުގެ މުއްދަތަށް ކުރިޔަށްދާނެއެވެ. ޖަނާޒާގެ ރަސްމީކަންކަން ފަށާފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހު އިރާނުގެ ވެރިރަށް ތެހެރާންގައެވެ. އެރަސްމިއްޔާތުގައި ދުނިޔޭގެ 100ށް ވުރެ ގިނަ ގައުމުން އެކި ލެވެލްގެ އޮފިޝަލުން ބައިވެރިވެފައިވާނެކަމަށް ވަނީ ބެލެވިފައެވެ. ރަސްމީކަންކަން ފެށުމަށްފަހު ޖުލައި 4 އަދި 5 ގައި ޖަނާޒާގެ ކަންކަން ކުރިޔަށްދާނީ އިރާނުގެ ވެރިރަށް ތެހެރާންގައެވެ. ޚާމަނާއީގެ ސަންދޯއް މި ދެދުވަހު އޮންނާނީ ގްރާންޑް މުސައްލާގައެވެ.
އިރާނުގެ އެތައް ހާސް ބަޔަކު ޖަނާޒާގެ ކަންކަން ރަސްމީގޮތުން ފެށުމުގެ އެތައް ގަޑިއިރެއްކުރިން ގްރާންޑް މުސައްލާ ކައިރިއަށް ވަނީ ޖަމާވެފައެވެ. ޚާމަނާއީގެ ފޮޓޯ ހިފައިގެން ތިބިއިރު އެމީހުން ދަނީ ޚާމަނާއީ އަވަހާރަކޮށްލިކަމުގެ ހިތާމަ ފާޅުކުރަމުންނެވެ. ޖަނާޒާގެ ކަންކަން ކުރިޔަށްގެންދިޔުމަށް ތެހެރާންގެ 5000ށް ވުރެ ގިނަ ސްކޫލް ތައް ވަނީ އެކަމަށް ޚާއްސަކޮށްފައެވެ.
ޖަނާޒާގެ ކަންކަން ކުރިޔަށްދާތީ މުޅި ތެހެރާން ޕްރޮވިންސް ވަނީ ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހަށް ބަންދުކޮށްފައެވެ. އަދި އަންގާރަ ދުވަހަކީ ތެހެރާން އަށް ބަންދުދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ޖުލައި 6 ވާ އަންގާރަ ދުވަހު ޚާމަނާއީގެ ސަންދޯއް ތެހެރާންގެ އެހެން ސަރަހައްދުތަކަށް ގެންދަން ފަށާނެއެވެ. އެއީ ގޯމްއަށް ގެންދިޔުމަށްޓަކައެވެ. ގޯމް އަކީ އިރާނުގެ ޝިޔާ މުސްލިމުންގެ އެންމެ މައި ސިޓީއެވެ. އެއަށްފަހު ޖަނާޒާގެ ކަންކަން ކުރިޔަށްދާނީ އިރާގުގައެވެ.
އަދި ޚާމަނާއީ ފަސްދާނަލުމަށް ޖުލައި 9 ވަނަ ދުވަހު މަޝްހަދަށް ގެންނާނެއެވެ. މަޝްހަދަކީ ޚާމަނާއީ އުފަންވެވަޑައިގެންނެވި ސިޓީވެސްމެއެވެ.
ޚާމަނާއީ އަވަހާރަކޮށްލަން ދިން ހަމަލާގައި ޚާމަނާއީގެ އިތުރުން ޚާމަނާއަށް ކާފަކިޔާ 14 މަހުގެ އަންހެން ދަރިކަލަކާއި ދަރިކަނބަލަކާއި ދަނބިދަރިކަލަކާއި ޅީދަރިފުޅުވެސް ހިމެނެއެވެ. އަވަހާރަކޮށްލި ޅީދަރިފުޅަކީ ޚާމަނާއި އަވަހާރަކޮށްލުމުން ސްޕްރީމް ލީޑަރުކަމަށް އައްޔަނުކޮށްފައިވާ މުޖުތަބާ ޚާމަނާއީގެ އަނބިކަނބަލުންނެވެ.