މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ އުމްރާނީ ތަރައްގީއަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމަށް އެ ގައުމުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

ރައީސް ޕެޒެޝްކިއަން މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވީ އީރާނަށް ޒިޔާރަތްކުރެއްވި ޖޯޖިއާގެ ރައީސް މިޚައިލް ކަވެލާޝްވިލީއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމަކީ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުއްﷲ ސައްޔިދު ޢަލީ ޚާމަނާއީ ޝަހީދުވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނަށް އިހުތިރާމު އަދާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޖޯޖިއާގެ ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޕެޒެޝްކިއަން ވިދާޅުވީ، އީރާނަށް ދިން ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، އދ. ގެ ޗާޓަރާއި، އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.

އަދި މި ހަމަލާތަކުގައި ލީޑަރު ޚާމަނާއީއާއި، އަސްކަރީ އިސްވެރިންނާއި، ސައިންސްވެރިންނާއި، ދަރިވަރުންނާއި އާންމު ރައްޔިތުން ޝަހީދުވެފައިވާ ކަމަށާއި، ގައުމުގެ އުމްރާނީ ތަރައްގީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވިއެވެ.

ޕެޒެޝްކިއަން ވިދާޅުވީ ބައިނަލްއަގްވާމީ ގާނޫނުގެ ނަޒަރުން ބަލާއިރު، މިއީ ގައުމެއްގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި އެއީ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށެވެ. ނަމަވެސް، އީރާނުން ވަނީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގުގެ ބޭނުންކޮށް، ގައުމީ ގާބިލުކަން ބޭނުންކޮށްގެން، އެ ހަމަލާތަކަށް އެކަށީގެންވާ އަދި ވަރުގަދަ ރައްދެއް ދީފައި ކަމަށް ޕެޒެޝްކިއަން ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރަހައްދީ ހަމަނުޖެހުންތަކުގައި އިޒްރޭލުން އަދާކުރާ ނޭދެވޭ ދައުރާމެދު ވެސް އެމަނިކުފާނު ފާޑުވިދާޅުވިއެވެ.

ހަމައެހެންމެ ޖޯޖިއާގެ ރައީސް ކަވެލާޝްވިލީ ވަނީ އީރާނުގެ ލީޑަރު ޝަހީދުވުމާ ގުޅިގެން ޖޯޖިއާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ފޮނުވާފައެވެ.

އަދި ގައުމުތަކުގެ މިނިވަންކަމަށް އިހުތިރާމުކުރުމާއި، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގަކީ ޖޯޖިއާއިން އަބަދުވެސް ގަބޫލުކުރާ އަސާސްތަކެއް ކަމަށް ވިދާޅުވިއެވެ.