އައްޑޫ ސިޓީ ހިތަދޫ ސަހަރާ މިސްކިތް ކުރިމަތީ ހުންނަ ފަޅު ގޯއްޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން "އެކްސް"ގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެގޭގައި ހުރި ކޮންޓެއިނަރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 02:50 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، ހިތަދޫ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ފަޔަފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު 04:21 ހާއިރު ކަމަށްވެސް ބުނެފައިވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.