ޑައިވިންގ ސްކޫލްތަކުގެ އާމްދަނީ 47 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ބައިން އައުޓްޕުޓް ޓެކްސްގެ ބައިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޑައިވިން ސްކޫލުތަކުގެ އާމްދަނީ އަށެވެ. އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑައިވިން ސްކޫލުތަކަށް އާމްދަނީގެ ގޮތުގައި 32.03 މިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 47.7 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑައިވިންގ ސްކޫލްތަކުން ރިޕޯޓްކޮށްފައިވަނީ 21.68 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެކެވެ.

ފަތުރުވެރިކަމުގެ އައުޓްޕުޓް ޓެކްސްގެ މިއަހަރު ގޮތުގައި 447 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ސިނާއަތުން އައުޓްޕުޓް ޓެކްސްގެ ގޮތުގައި ލިބުނު 371 މިލިޔަން އެމެރިކާ ޑޮލަރާއި އަޅާ ބަލާއިރު 20.5 އިންސައްތަ އިތުރު އަދަދެކެވެ.

މިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑައިވިންގ ސްކޫލްތަކުން ލިބުނު ޖީއެސްޓީވެސް ވަނީ 39.5 އިންސައްތަ އިތުރުވެ، 269.26 މިލިޔަން ޑޮލަރަށް އަރާފައެވެ. މި ކުރިއެރުމަކީ މުޅި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށްވުރެ މަތީ އަދަދެއް ކަމަަށް މީރާގެ ކުއާޓާލީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މޫދު ކުޅިވަރާއި ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށް ބަލާއިރު، ވޯޓާ ސްޕޯޓްސް ސެންޓަރުތަކުގެ އާމްދަނީވެސް 49.2 އިންސައްތަ އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިބައިގެ 8.2 މިލިޔަން ޑޮލަރުން، 12.37 މިލިޔަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. އަދި ހޯމްސްޓޭ ގެސްޓްހައުސްތަކުގެ އާމްދަނީ 60.8 އިންސައްތަ އިތުރުވެފައިވާއިރު، ފަތުރުވެރިކަމުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ރިސޯޓްތަކުގެ އާމްދަނީއަށް 21.0 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ތަފާސްހިސާބުތަކަކީ މިދިޔަ 2025 ވަނަ އަހަރުގެ ޑިސެންބަރުން ފެށިގެން މި އަހަރުގެ ފެބްރުވަރީ މަހުގެ ނިޔަލަށް ހިމެނޭ ޓެކްސް މުއްދަތުގެ ހިސާބުތަކެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް މިފަދަ ކުރިއެރުމެއް ލިބިފައިވަނީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 11.6 އިންސައްތަ އިތުރުވުމާ ގުޅިގެން ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.