ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ މިއަދުގެ މެންދުރު 12:00 އިން 17:00 އަށް ހއ. އަތޮޅުން އދ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަން ހާމަކޮށްފަ އެވެ.

މެޓުން ބުނީ ހުދު ސަމާލު ނެރެފައި ވަނީ ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވިފައިވާތީ ކަމަށެވެ. އަދި ކަނޑުތައް ގަދަވާ ވަގުތުގައި 3 ފޫޓާއި 6 ފޫޓާ ދެމެދު ރާޅުގެ އުސްމިން ހުންނާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިހާރު ރާއްޖެއަަށް ކުރަމުން މިއަންނަނީ ހުޅުނގު މޫސުމުގެ ވިއްސާރަ އެވެ.

ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.