ފަވަރަ އާއި ޔޫޕީއައި ގުޅާލުމުން އިންޑިއާ އާއި ރާއްޖޭގެ ބޭންކްތަކާ އެކު ހަދާ ޕޭމެންޓްތަކުގެ ހަރަދު ކުޑަވެ، ޑޮލަރަށް އޮތް ޑިމާންޑް ދަށް ކުރެވޭނެ ކަމަށް ރާއްޖޭގެ ބައެއް ބޭންކުތަކުން ބުނެފި އެވެ.

މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވަނީ، ގައުމުތަކުގެ ޕޭމެންޓްތައް ގުޅާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި، އެއީ ވިޔަފާރި ކުރުމާއި އެކި އެކި ފައިސާގެ މުއާމަލާތްތައް ކުރުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޔޫޕީއާއި ނުވަތަ ޗައިނާގެ ޕޭމެންޓް ސިސްޓަމްތަކާއި ގުޅާލުމުން ރާއްޖެއިން ބޭރުވާ ޑޮލަރުގެ އަދަދު ކުޑަވެ، ބޭރު ފައިސާއަށް އޮތް ޑިމާންޑް ކުޑަކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހަމަމިއާއެކު، ރާއްޖޭގައި ހިންގާ ކްރޮސް ބޯޑާ ޓްރާންސެކްޝަންގެ ގާތްގަނޑަކަށް 70 އިންސައްތަ ހިންގަނީ ބީއެމްއެލް މެދުވެރިކޮށްކަމަށާއި، އޭގެ ތެރެއިން ޔޫއެސް ޑޮލަރުގެ ބޭންކްތަކަށް ދަނީ ކުޑަ އަދަދެއް ކަން ފާހަގަކުރައްވައި ޝަރީފު ވަނީ، ޗައިނާގެ ޔުއާން އާއި ރުޕީސް އަދި ޔޫރޯގެ ބޭންކްތަކަށް ހިންގާ ޓްރާންސެކްޝަންތައް މާ ގިނަ ކަމުގައި ފާހަގަކުރައްވާފަ އެވެ.

ޔޫޕީއައި އަކީ އިންޑިއާގައި މިހާރު ފައިސާގެ މުއާމަލާތްތައް ކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެ ގައުމުގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމް ކަމަށް ވީއިރު، އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން ޓެކްސީތަކާއި މަގުމަތީގެ ތަރުކާރީ ފިހާރަތަކުގައި ވެސް ފައިސާގެ މުއާމަލާތަށް ޔޫޕީއައި ބޭނުންކުރެ އެވެ.

ޕެނަލް ޑިސްކަޝަންގައި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯ އަދި ކަންޓްރީ ހެޑް، މަނޯޖް ކުމާރު ސިންގް ވިދާޅުވީ، ދެ ޕޭމެންޓް ސިސްޓަމް ގުޅާލުމުގެ މަސައްކަތް ލަސްވަނީ އެކަން ކުރުމަށް ކޮންމެހެން ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވާތީ ކަމަށެވެ. އެގޮތުން އެކަމަށް ވަގުތާއި ހަރަދުތަކެއް ހޭދަވާނެ ކަމަުގައި ވީނަމަވެސް، އެ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރައި އެމްއެމްއޭއިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިކަން ކުރުމަށް ވަގުތު ނެގި ނަމަވެސް، ދެ ސިސްޓަމް ގުޅާލުމުން، ދެ ގައުމަށް ވެސް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށާއި، އެކަމުން އިންޑިއާ އާއި ރާއްޖެއަށް ވެސް ލުއިތައް ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން، ރާއްޖޭގެ އިމްޕޯޓުގެ ގާތްގަނޑަކަށް 65 އިންސައްތަ ގެންނަނީ އިންޑިއާ އާއި ޗައިނާއިން ކަމަށްވާ އިރު، އެގައުމުތަކުގެ ޕޭމެންޓް ސިސްޓަމާ ގުޅާލުމުން އެކަންކަމަށް ބޭނުންވާ ޑޮލަރު ދެން ހޯދަން ނުޖެހޭނެ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެއީ ވެސް ރާއްޖޭގެ ބޭރު ފައިސާއަށް އޮތް ޕްރެޝާ ކުޑަ ކުރެވޭނެ ކަމެއް ކަމަށެވެ.

އެމްއެމްއޭއިން ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ގޮތުގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) މި މަހު ގުޅާލައި، ބޭނުން ކުރަން ފަށާނެ ކަމަށް ބުނެފައެވެ.

އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ، ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް ބޭރު ގައުމުތަކުގެ ޕޭމެންޓް ސިސްޓަމްތަކާ ގުޅާލުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން އިންޑިއާގެ އިތުރުން ޗައިނާ އާއި އެހެން ގައުމުތަކުގެ ވޮލެޓްތަކާ ގުޅޭ ރާއްޖޭގެ ޕޭމެންޓް ސިސްޓަމް ގުޅާލަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.