އިންތިހާބީ މަގާމުތަކަށް ސިޔާސީ ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ޕާޓީ ބަދަލު ކުރުމުން ވ.ތިނަދޫ ކައުންސިލްގެ ރައީސް، ޝުޖާއު އަލީގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ކަނޑެއެޅުމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޝާހިދު ވިދާޅުވީ އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮންނަ ކަމަށެވެ.

އެހެންކަމުން އެކަންކަން ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖަހައި، އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޝާހިދު ވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން ވަކި ވެއްޖެކަމަށް އެލްޖީއޭ އިން އަންގާފައިވާ އެންގުން އަނބުރާ ގެންދިއުމަށް ގޮވާލައްވާފަ އެވެ. އަދި ގާނޫނުގެ ވެރިކަން ކުރަން ސަރުކާރުން ދަސްކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެލްޖީއޭ އިން ވަނީ ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާތީ، އޭނާ މަގާމުން ވަކި ވެއްޖެކަމަށް ކަނޑައަޅައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮއްފައިވާގޮތަށް ޝުޖާއުގެ މަގާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

އެ މައްސަލާގައި ޝުޖާއު މީގެ ކުރިން މީޑީއާއަކަށް ދެއްވި އިންޓަވިއުގާ ވިދާޅުވީ، އޭނާ އެމްޑީޕީއާ ގުޅުނީ، ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް އީސީން މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެ ޕާޓީ ހިންގާ ފަރާތްތަކަށް އެންގުމުން ކަމަށެވެ. އެހެންވެ، އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއާ ގުޅުނު ކަމަށް މާނަކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.