އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ޝަހީދީ ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ތެހެރާނަށް ދަތުރުކުރަން އުޅުނު އެކި ގައުމުތަކުގެ ވަފުދުތައް ހުއްޓުވުމަށް އެމެރިކާއިން ފުޅާ ދާއިރާއެއްގައި ބިރުދެއްކުމުގެ ކެމްޕޭނެއް ހިންގާފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އީރާނުގެ ލީޑަރުގެ ފަހުގެ ވަދާއީ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަފުދުތައް އަންނަނީ ތެހެރާނަށް ޖަމާވަމުންނެވެ. އެ ބޭފުޅުން ވަނީ އީރާނުގެ އޮފިޝަލުންނާއި އާންމުންނާއެކު ލީޑަރަށް ޝަރަފު އަދާކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އިރާނުގެ "ތަސްނީމް" ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި އިސް އޮފިޝަލަކު ވިދާޅުވީ، ފާއިތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އެމެރިކާގެ އެންމެ މަތީ ފެންވަރުގެ އޮފިޝަލުން، ޖަނާޒާގައި ބައިވެރިވާން އުޅުނު ގައުމުތައް އެކަމުން ދުރުހެލިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ސޮއިކުރައްވައި، ޖޫން 26 ވަނަ ދުވަހު އެމެރިކާގެ ހުރިހާ އެމްބަސީތަކަކަށް ފޮނުވި ސިއްރު އެންގުމެއްގައި، އީރާނުގެ ލީޑަރުގެ ޖަނާޒާގައި ބައިވެރިވުމަކީ އެމެރިކާއާ ދެކޮޅު އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށް އަންގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެކަމުގެ ސަބަބުން އެމެރިކާއާ ދެމެދު އޮތް ބައިލެޓަރަލް ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އެ ގައުމުތަކުގެ ސަރުކާރުތަކަށް ވިސްނައިދިނުމަށް އެ އެންގުމުގައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.

މިކަމާ ގުޅޭގޮތުން، ނަން ހާމަނުކުރަން އެދި އަރަބި ދެ ޑިޕްލޮމެޓަކު މީޑިއާއަށް ވިދާޅުވީ، މާކޯ ރޫބިއޯ އަމިއްލަފުޅަށް، މަދުވެގެން އަރަބި ފަސް ގައުމެއްގެ ޚާރިޖީ ވަޒީރުންނާ މި މައްސަލާގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާއިން އެފްރިކާގެ ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުން ވަނީ، ޖަނާޒާގައި ބައިވެރިވެއްޖެނަމަ އެ ގައުމުތަކަށް އެމެރިކާއިން ދޭ ތަރައްގީގެ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދީފައެވެ. މި ބިރުދެއްކުންތަކުގެ ސަބަބުން އުތުރު އެފްރިކާގެ ބޮޑު ގައުމަކުން، އެ ގައުމުން ބައިވެރިވާ ވަފުދުގެ ފެންވަރު ދަށްކޮށްފައިވާ ކަމަށް އެނގިފައި ވެއެވެ.

ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އެމެރިކާގެ ފިއްތުންތަކާ ހެދި މަދުވެގެން 13 ގައުމަކުން ވަނީ ޖަނާޒާގައި ބައިވެރިވުން ހުއްޓާލާފައެވެ. އޭގެ ތެރޭގައި އިރުމަތީ ޔޫރަޕުގެ ތިން ގައުމަކާއި، އެފްރިކާގެ ފަސް ގައުމަކާއި، އަރަބި ދެ ގައުމަކާއި، އިރުމަތީ އޭޝިއާގެ ބޮޑު ދެ ގައުމެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.