ހއ. ތަކަންދޫގައި ކުރިއަށްދާ ތަރިކަ ރައްކާތެރި ކުރުމުގެ މަޝްރޫއުތައް، ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ީނާ ވަލީދު ބައްލަވާލައްވައިފިއެވެ.

ވަޒީރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، ކުރިއަށް އޮތް ޤައުމީ ދުވަހުގެ ތައްޔާރީތައް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ތަކަންދޫއަށް ވަޑައިގެން، އެ ރަށުގައި ހުރި ތާރީޚީ ބިނާތަކުގެ ހާލަތާއި، މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު ވަޒީރު ވަނީ އޮޅުންފިލުއްވާފައެވެ. އެގޮތުން ތަކަންދޫގައި ހުންނަ އުތީމު އަލިތަކުރުފާނުގެ ޒިޔާރަތަށް ވަޑައިގެން، އެތަނުގެ ހާލަތު ބައްލަވައިލެއްވުމުގެ އިތުރުން، އެރަށުގެ ހިރިގަލު ގަބުރުސްތާނާއި، ވެވު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ވަނީ ބައްލަވާލައްވާފައެވެ. އަދި ރަށުގެ ކުޅިތަކަށް ޒިޔާރަތް ކުރައްވައި، އެ ސަރަހައްދުތަކުގެ މުހިންމު ކަމާއި ގުޅޭގޮތުންވެސް މަޢުލޫމާތު ހޯއްދަވާފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ހީނާ ބާރަށާއި އުތީމަށް ވެސް ވަޑައިގަންނަވާފައެވެ. އެގޮތުން ބާރަށަށް ވަޑައިގެން، މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި ހަރަކާތްތަކާ ގުޅޭގޮތުން އެރަށު ކައުންސިލާއެކު ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އުޓީމަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގައި ހުރި އާސާރީ ތަންތަނަނށް ވަޑައިގެން އެ ތަންތަނުގެ ހާލަތާއި މަސައކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ތަރިކަ ޙިމާޔަތް ކުރުމުގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ، އާސާރީ ބިނާތަކުގެ އަސްލު ސިފަ ނުގެއްލޭނޭހެން ޒަމާނީ ފެންވަރަށް އެތަންތަން ރައްކާތެރި ކުރުމަށް ސަރުކާރުން ވަނީ ބުނެފައެވެ.