ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސް "އެޑްވާންސް މާޗަންޓް ސެޓްލްމަންޓް" ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

މިއީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވީހާވެސް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މިގޮތުން މި ޚިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ އިތުރަށް ފަސޭހަކޮށް، 5 ދުވަސްތެރޭގައި ފައިނޭންސިންގ ލިބޭނެ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ކަމަށް އެއިދާރާއިން ބުނެއެވެ.
ބިޢެމްއެލްއިން ބުނީ މި ފައިނޭންސަށް އެދި ހުށަހެޅޭނީ، ބީއެމްއެލް މަރޗަންޓް ޚިދުމަތް މެދުވެރިކޮށް މަދުވެގެން 6 މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށެވެ. އަދި މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20،000 ރުފިޔާގެ ވިޔަފާރިކޮށްފައިވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ފައިނޭންސިންގ އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން މި ފައިނޭންސިންގ އަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ.
މި ޚިދުމަތަށް އެދި ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް އެޕްގެ މެދުވެރިކޮށް ހުށަހެޅޭނޭ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. މި ބަދަލުތަކަކީ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް އެހީތެރިވެ، ވިޔަފާރިތައް ދިގުމުއްދަތަކަށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.