ޕާޓީ ބަދަލު ކުރުމުން ވ.ތިނަދޫ ކައުންސިލްގެ ރައީސް، ޝުޖާއު ޢަލީގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ބުނެފިއެވެ.
ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާޢު އަލީ މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވ.ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޙާބުވުމަށްފަހު ދައުރު ފެށުނުފަހުން، އިންތިޚާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި 2026 މޭ 19 ވަނަ ދުވަހު އިލެކްޝަން ކޮމިޝަންގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން ވަނީ އެލްޖީއޭއަށް އަންގާފައެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ޅ) ގައި ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ކައުންސިލަށް އިންތިޙާބުވުމަށްފަހު، އެ އިންތިޙާބުވި ދައުރު ތެރޭގައި، އިންތިޙާބުވި ޕާޓީ ނޫން އެެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން ކައުންސިލްގެ މެންބަރު ކަމުގެ މަޤާމުން ވަކިވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.
އެލްޖީއޭ އިން ބުނީ އެހެންކަމުން، ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާޢު އަލީ، އިންތިޙާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާތީ، ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާޢު އަލީ މަޤާމުން ވަކި ވެއްޖެކަމަށް ކަނޑައަޅައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮއްފައިވާގޮތަށް ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަޤާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް، ޖޫން 30 ވަނަ ދުވަހު ބޭއްވި އެ އޮތޯރިޓީގެ ބޯޑުގެ މިއަހަރުގެ އަށް ވަނަ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލާގައި ޝުޖާއު މީގެ ކުރިން މީޑީއާއަކަށް ދިން އިންޓަވިއުގާ ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް އީސީން މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެ ޕާޓީ ހިންގާ ފަރާތްތަކަށް އެންގުމުން ކަމަށެވެ. ޝުޖާއު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން އޭނާ އިންތިހާބުވި ނަމަވެސް މިދިޔަ މެއި މަހު މަގާމުގެ ހުވާކުރުމުގެ ކުރިން ޕާޓީ އުވާލާފައިވާ ކަމަށް އީސީން އެންގި ކަމަށެވެ. އެހެންވެ، އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއާ ގުޅުނު ކަމަށް މާނަކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.