އިޒްރޭލުގެ އަމަލުތަކާއި އެ ގައުމުގެ ސިޔާސަތުތަކަކީ މިހާރު މުޅި އިންސާނިއްޔަތު އުފުލަން ޖެހިފައިވާ ނުހަނު ބޮޑު ބުރައެއް ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ވިދާޅުވެއްޖެއެވެ.
މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި ހަކާން ވިދާޅުވީ އިޒްރޭލުގެ މި މައްސަލައަކީ ހަމައެކަނި ތުރުކީއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔެއިން ދެކޭން ޖެހޭ އަދި ހައްލުކުރަން ޖެހޭ ބައިނަލްއަގްވާމީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އިޒްރޭލަކީ މުޅި ދުނިޔޭގެ މައްސަލައެއް ކަމަށާއި މިކަމަށް ބަލަން ޖެހޭނީ އެ ނަޒަރުން ކަމަށް ފިދާން ވިދާޅުވިއެވެ.
ފިދާން ވިދާޅުވީ، އިޒްރޭލުން ހިންގަމުންދާ އަމަލުތަކަކީ ގޯސް ކަމެއްކަން ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް، ގިނަ ގައުމުތަކަކުން މި ވާހަކަ ފާޅުގައި ދައްކަން ޖެހިލުންވި ނަމަވެސް، ބަންދު ދޮރުތަކުގެ ފުރަގަހުގައި އެންމެން ވެސް މި ހަގީގަތް ގަބޫލުކުރާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިއީ އެންމެންނަށް ވެސް މިކަން އިހުސާސް ކުރެވޭ ކަމެއް ކަމުގައި ފާހަގަކޮށް ހަކާން ވިދާޅުވީ، ބައެއް ފަހަރު އާންމުކޮށް ވެސް ބައެއް ފަރާތްތަކުން އިޒްރޭލާ ދެކޮޅަށް ބަސް ބުނަމުން އަންނަ ކަމަށާއި، މިއީ މުޅި އިންސާނިއްޔަތު ހިއްސާކުރާ ބޮޑު މައްސަލައެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިޒްރޭލުގެ މިހާރުގެ ސިޔާސަތުތަކާއި ފިކުރަކީ އިންސާނިއްޔަތަށް ދެން އިތުރަށް އުފުލޭވަރުގެ ބުރައެއް ނޫން ކަމަށެވެ. އަދި މިއީ އިންސާނީ ޟަމީރަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ފިދާން ވަނީ ވިދާޅުވެފައެވެ. މިގޮތުން ސިޔާސީ ނިޒާމުތަކަށާއި އިގްތިޞާދީ ނިޒާމުތަކަށް ވެސް އިޒްރޭލުގެ ކަންކަން ބަލައިގަތުމަކީ އުނދަގޫކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފިދާންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިފަދަ ހަރުކަށި އަދި އިންސާނިއްޔަތާ ދެކޮޅު ސިޔާސަތުތައް ދެމެހެއްޓޭނެ އެއްވެސް އަސާސެއް ނުވަތަ އޮނިގަނޑެއް މިއަދުގެ ދުނިޔޭގައި ނެތް ކަމަށެވެ.