މި ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ޤައުމީ މަސައްކަތްތަކަށް އަލިއަޅުވާލައި އެކަމަށް ޚާއްޞަކުރެވިފައިވާ މި އެޕިސޯޑްގައި، "ދަ ޕްރެސް" ނޫހުގެ ފަރާތުން ދެންނެވި ސުވާލުތަކަށް ރައީސް ވަނީ ޖަވާބުދެއްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ސަރުކާރަށް ހުރިހާ ފަރާތެއްގެ އެއްބާރުލުން ލިބިގެން ހައްލު ވާނެ ކަމައް ކަމަށެވެ. މީގެ ތެރޭގައި އާއިލާ ލެވެލްއިން ފެށިގެން ގޮސް މަދަނީ ޖަމިއްޔާތަކާއި ސަރުކާރު ދައުލަތުގެ މުއައްސަސާތަކާއި ހުރިހާ އެންމެން ގުޅިގެން ހައްލެއް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މަސްތުވާތަކެތީގެ ތެރެއަށް މީހުން ދާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރައްވައި، ރައީސް ވަނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެވޭނީ މި މައްސަލައިގެ ހަޤީޤީ ރޫޓްކޯޒް ނުވަތަ އަސްލު ސަބަބުތައް ހޯދައި އެކަންތައްތަކަށް ފަރުވާދެވިގެންކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަމުގައި ފާހަގަކުރެއްވިއެވެ.