ސިވިލް ސާވަންޓުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ހެދި، ވަޒީފާގެ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި ގަޑިނުޖެހޭ ގޮތަށް އިތުރު 30 މިނެޓު ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިއްޔެ އިސްލާހުކޮށްފިއެވެ.
ސިވިލް ސަރވިސްގެ ޤަވާއިދަށް ވަނީ ބައެއް ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ބަފަރ ޓައިމް ދޭނެ ގޮތް ހިމަނާފައިވެއެވެ. މީގެ ކުރިން ސިވިލް ސާވިސް ގަވައިދުގައި އެ ވަގުތު ދިނުމަށް ހިމަނާފައެއް ނުވެއެވެ.
ސިވިލް ސަރވިސްގެ ގަވާއިދަށް ގެނައި އިސްލާހުގައި ބަފަރ ޓައިމްއަކީ މުވައްޒަފުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެއް ކަމަށެވެ.
މިގޮތުން، އެ ހާލަތުގެ ދަށުން ސިވިލް ސާވަންޓުންނަށް ގަޑި ނުޖެހޭ ގޮތަށް އިތުރު 30 މިނެޓު މިހާރު ލިބޭނެއެވެ. އެ ވަގުތުގެ ތެރޭގައި އޮފީހަށް ހާޒިރުވާނަމަ، ސަބަބު ބަޔާންކޮށް ހިއުމަން ރިސޯސް ސެކްޝަނަށް ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މުވައްޒަފުގެ ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ނިމުމުގެ ކުރިން އަންގަން ޖެހެއެވެ.
މުވައްޒަފަކު ރަސްމީ ގަޑި ފެށޭ ވަގުތަށްވުރެ ލަހުން ހާޒިރުވެއްޖެނަމަ، އެ ލަސްވި ވަގުތު އޮފީސް ނިމޭ ގަޑިއަށް އިތުރުކުރެވޭނެއެވެ. މިސާލަކަށް، ހެނދުނު 8:00 ގައި މަސައްކަތް ފަށަންޖެހޭ މުވައްޒަފަކު 8:15 ގައި ހާޒިރުވެއްޖެނަމަ، އެ މުވައްޒަފަކު އޮފީހުން ނިކުންނަންޖެހޭނީ ރަސްމީކޮށް އޮފީސް ނިމޭ ގަޑިއަށް 15 މިނިޓު އިތުރުކުރުމަށްފަހުގައެވެ.
މީގެ އިތުރުން ގަވައިދުގައި ވަނީ މިސްކިތު މުވައްޒަފުންގެ މަސައްކަތުގެ ވަގުތުވެސް ހިމަނާފައެވެ. އެގޮތުން މިސްކިތުގެ މުދިމުން ކޮންމެ ނަމާދު ވަގުތެއްގެ 5 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާން ޖެހޭނެ ކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. އަދި މިސްކިތުގެ މަސައްކަތުގެ މުވައްޒަފުން ކޮންމެ ފަރުޟު ނަމާދަކަށް މިސްކިތް ފޮޅާ ސާފުކޮށް ނަމާދު ވަގުތަށް މިސްކިތް ތައްޔާރުކުރުމަށާއި ނަމާދުކޮށް ނިމުމުން މިސްކިތް ސާފުކޮށް ބެލެހެއްޓުމަށް ނަމާދު ވަގުތެއްގެ 15 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާންޖެހޭ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފައެވެ. އެހެން ކަމުން ކޮންމެ ނަމާދު ވަގުތަކަށް މަދުވެގެން 30 މިނެޓް މިސްކިތުގައި ހޭދަކުރަންވާނެކަމަށްވެސް ޤަވާއިދުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން މިސްކިތުގެ މަސައްކަތު މުވައްޒަފުން މަދުވެގެން ދުވާލަކު 5 ގަޑިއިރު މަސައްކަތުގައި ހޭދަކުރަންޖެހޭނެކަމަށް ޤަވައިދުގަ ވަނީ ހިމަނާފައެވެ.