ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިމާވާ ޚާއްޞަ ހާލަތްތަކާ ގުޅިގެން، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އުސޫލުތަކެއް ކަނޑައަޅައިފިއެވެ.
ސިވިލް ސަރވިސްގެ ގަވާއިދަށް އިސްލާހުގެނެސް ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ވަނީ ޝާއިޢުކޮށްފައެވެ. އަލަށް އެކުލަވާލި އިސްލާޙުގައިވާ ގޮތުން، މުވައްޒަފަކަށް ދިމާވާ ޚާއްޞަ ހާލަތަކާ ގުޅިގެން އޮފީހަށް ނުކުމެ މަސައްކަތް ނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ގޭގައި ހުރެގެން މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނެއެވެ.
އަދި މިގޮތަށް ހުއްދަ ދެވޭނީ ސިއްޙީ ވުޒާރާގައި ނުވަތަ ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކުރުމަށްފަހު، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ އަށް ކަމަށްވެސް އެ އުސޫލުގައި ހާމަކުރެއެވެ.
އަލަށް އެކުލަވާލި އުސޫލުގައިވާގޮތުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގައި ރިއާޔަތްކުރަންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، މުވައްޒަފާ ހަވާލުކޮށްފައިވާ މަސައްކަތަކީ އޮފީހަށް ހާޒިރުނުވެ ކުރެވޭނެ މަސައްކަތެއް ކަމުގައިވުމާއި. މަސައްކަތް ކުރެވޭނެ އެކަށޭނަ ވަސީލަތްތަކާއި މާޙައުލެއް އޮތްކަން ކަށަވަރު ކުރުން ހިމެނެއެވެ.
އަދި އިދާރާއިން ދޭ އެއްވެސް ޚިދުމަތަކަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރުމާއެކު، މުވައްޒަފުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް މޮނިޓަރ ކުރުމާއި އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން އަންގައިފިނަމަ، މުވައްޒަފު އޮފީހަށް ހާޒިރުވާންވާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ހުއްދަދެވޭ މުވައްޒަފުންގެ މަސައްކަތް ބަލައި، މުވައްޒަފަށް އެދެވޭ މިންވަރަށް މަސައްކަތް ނުކުރެވޭކަމަށް އިދާރާއަށް ފާހަގަކުރެވިއްޖެ ނަމަ، އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ދީފައިވާ ހުއްދަ ނިމުމަކަށްގެނެވިދާނެ ކަމަށްވެސް އެ އިސްލާޙުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ މި އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، ގޭގައި ތިބެގެން މަސައްކަތް ކުރަން އެދޭ މެނޭޖިންގ މުވައްޒަފުން އެކަމަށްޓަކައި އިދާރާއިން ކަނޑައަޅާ އެއްބަސްވުމެއްގައި ސޮއިކުރަންވާނެ ކަމަށާއި، މި އެއްބަސްވުމުގައި މަސައްކަތުގެ މަޢުލޫމާތާއި ސިއްރު ހިފެހެއްޓުމަށް އިޤުރާރުވާން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
އެހެން ނަމަވެސް، އެ އިސްލާހުގައި ބުނީ މަސައްކަތުގެ ބާވަތުން އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަކަށް ކޮންމެހެން ހާޒިރުވާންޖެހޭ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ޓީޗަރުން، ނަރުހުން، އަދި ހިންގުމުގެ އިސް ފަންތީގެ މުވައްޒަފުން އެ އުސޫލުން އިސްތިސްނާވާނެ ކަމަށެވެ.