ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ކޮނޑުގައި ޖަހާ ރޭންކެއް ނުވަތަ މެޑެއްޔެއް ނޫން ކަމަށާއި، އެއީ ކުށުގެ ނުރައްކަލުން ސަލާމަތްވުމުން ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން ވިދާޅުވީ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ފާސިންގ އައުޓް ޕެރޭޑްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސީޕީ ވިދާޅުވީ ތަމްރީނުގެ ދުވަސްތަކުގައި ހޫނު އަވީގައާއި ފިނި ރޭގަނޑުތަކުގައި ދަސްކުރި އުކުޅުތަކާއި ހުނަރުތަކަކީ ފުލުހުންގެ ހަށިގަނޑުގައި ހިނގަންޖެހޭނެ ގައުމީ ލޭ ކަމުގައި ހަދަންޖެހޭނެ ކަމަށެވެ.

"ތަމްރީނު މައިދާނުގައި އޮހޮރުވާލި ކޮންމެ ދާ ތިއްކަކީ މަގުމަތީގެ އަމާންކަމާއި ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި ވާންޖެހޭ ގުރުބާނީގެ ފެށުން"

ޒުވާން އޮފިސަރުންގެ ހިތްތަކުގައި ބެހެއްޓުމަށް އެންމެ ބޭނުންފުޅުވާ ވާހަކައެއްގެ ގޮތުގައި ސީޕީ ފާހަގަކުރެއްވީ ނޫކުލައިގެ ޔުނީފޯމުގެ މާނައެވެ. އެގޮތުން ސީޕީ ވިދާޅުވީ، ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން ކަމަށާއި، އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ ކަމަށެވެ.

ސީޕީ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރުމެއް ނޫނެވެ. ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމަށާއި ރައްޔިތުންގެ ތެރޭގައިވާ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ފުލުހުން ވާންޖެހޭނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަން ފާހަގަ ކުރައްވައި ސީޕީ ވަނީ، ﷲ ސުބްހާނަހޫ ވަތައާލާ ހިތާއި އަމަލުތައް މޮޅަށް ބައްލަވާ ވޮޑިގެންވާ ކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސް ކުރެއްވައްވާފައެވެ.

ސީޕީ ވަނީ، އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ފުލުހުންގެ ކޮލެޖުގެ އިސްވެރިންނާއި މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެ އިތުރުން ސީޕީގެ އެންމެ ބޮޑު އެދިވަޑައިގަތުމެއްގެ ގޮތުގައި ވިދާޅުވީ ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހާ އެކު ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން ކަމަށެވެ. އެގޮތުން އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން އަމަލީ މައިދާނުގައި ފެންވަރު ރަނގަޅު ނަމޫނާ އޮފިސަރުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ވެސް ސީޕީ ވަނީ އެދިވަޑައިގެންފައެވެ.