އެމްޑީޕީގެ ސަރުކާރުން ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށްފައިވަނީ އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސޭނެ ފެންވަރަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒުގެ ޕޯސްޓުގައި އެގޮތަށް ވިދާޅުވެފައި ވަނީ މިދިޔަ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހަނިމާދޫގެ އެއާޕޯޓު ތަރައްގީކުރި ފަހުން ބޭރުގެ ބޯޓުފަހަރަށް ދަތުރުކުރެވޭނެ އިންތިޒާމުނެތް ސަބަބާ ގުޅޭ ގޮތުން އެ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީނާ ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ދެއްވި ޖަވާބަށް ރައްދުދެއްވައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ދިގު ދަތުރުތައް ކުރުމަށް ބޭނުންކުރާ ބޮޑެތި ބޯޓުތައް ހަނިމާދޫ އެއާޕޯޓަށް ޖެއްސެން ނެތް ކަމަށާއި އެ އާޕޯޓުން ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޓް ކުރަން ބޭނުންވާނަމަ ރީޑިވަލޮޕްމަންޓަކަށް ދާންޖެހޭ ކަމަށެވެ.
އެގޮތުން އެއަށް ރައްދުދެއްވާ އެމްޑީޕީގެ ޗެއަރޕާސަންކަންވެސް ކުރެއްވި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރީ އިންޓަނޭޝަނަލް ފްލައިޓު އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށެވެ.
އަދި އެއާބަސް އޭ320 އާއި ބޮއިންގް 737 މަރުކާގެ ބޯޓުތަކަކީ އިންޑިއާ އާއި ލަންކާގެ އިތުރުން ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް ޑައިރެކްޓުކޮށް ދަތުރުކުރެވޭނެ ބޯޓުތަކެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ހަމައެހެންމެ އެއީ މިހާރު ވެސް އެތައް މިލިއަން ފަސިންޖަރުން ދަތުރުކުރުމަށް ބޭނުންކުރާ އެއާޕޯޓުތަކެއް ހުރި ގައުމުތަކެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ޔޫރަޕާއި، ޗައިނާ އަދި އެހެން މަންޒިލްތަކުގެ ފަތުރުވެރިންނަށް ވެސް އެ އެއާޕޯޓުތަކުން ކަނެކްޓިން ފްލައިޓުތަކުގައި ހަނިމާދޫއަށް ދަތުރުކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ އެއާކްރާފްޓުތަކުގައި ކަމަށާއި މި ވަގުތު ޑިމާންޑު އެވަރަށް ނެތުމުން ވައިޑްބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް އިންވެސްޓު ކުރުމަކީ އިގުތިޞާދީ ގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެ ކަމަށެވެ.
މިގޮތުން އެ ޑިމާންޑު އުފެދޭ ދުވަހެއްގައި ރަންވޭ ބޮޑުކުރުމަށް ބިން އޮތީ ހަމަޖައްސާފައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ފަތުރުވެރިކަން، މަސްވެރިކަން، ލޮޖިސްޓިކްސް އަދި ރިއަލް އެސްޓޭޓް ފަދަ އިގުތިސާދީ ދާއިރާތައްް ފުޅާކުރުމަށް އެ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓުތައް ގެންނަން ޖެހޭ ކަމަށެވެ.