ދަރިވަރުން އެންމެ ނަތީޖާ ދަށްކަމަށް ފާހަގަކުރެވެނީ ހިސާބު މާއްދާއިން ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް ރިޕޯޓް އާންމުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ހިސާބު މާއްދާއިން ކުދިން ދައްކަން ފާހަގަވެފައި ވަނީ ކުރިން ނަގާފައިވާ ނެޝަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް ރިޕޯޓުން ކަމަށެވެ. އެގޮތުން ހުރިހާ ގްރޭޑެއްގައި ވެސް ހިސާބު މާއްދާގެ ނަތީޖާ ދައްކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އޯލެވެލްގެ ނަތީޖާއިން ވެސް ކުދިން އެންމެދަށް ނަތީޖާއެއް ލިބިފައިވަނީ ހިސާބު މާއްދާއިން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ވުޒާރާއިން އެކަމަށް ހައްލެއް ހޯދުމައްޓަކައި މަސަކަތް ކުރަމުންދާ ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގަ ހިސާބު މައްދާގެ މުދައްރިސުންނަށް އެކަށީގެންވާ ވޯކްޝޮޕްތަކެއް ހިންގާފާއިވާނޭ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވަނީ މިއަހަރުގެ ނޮވެމްބަރު މަހު މުޅިން އަލަށް ކީސްޓޭޖް 1ގެ ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ އިމްތިހާނެއް ބޭއްވިގެން ދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މީގެ ސަބަބުން ދިވެހި ދަރިވަރުންގެ ފެންވަރު، ދުނިޔޭގެ އެހެން ޤައުމުތަކުގެ އެ އުމުރުފުރާގެ ކުދިންނާ އަޅާކިޔައި، ވަޒަންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.