މުއްސަނދި ކަމަކީ މުދާ ގިނަވުމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޙުތުބާގައި ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަމަށް އަލިއަޅުވާލާފައިވާ އިރު، ޙުތުބާގައި ބުނީ އިންސާނާއަކީ ފުދުންތެރި ދިރިއުޅުމެއް އުޅޭހައި ހިނދަކު މިނިވަނެއް ކަމަށެވެ. އެ ސިފަ ހުންނަ މީހާ ޙަރާމް މަންފާއަށް ދަހިވެތިވެ އޭނާގެ ދީނާއި ނަފުސުގެ ކަރާމާތް ވިއްކާ ނުލާނެ ކަމަށްވެސް ޙުތުބާގައި ބުނެފައިވެ އެވެ.
ޙުތުބާގައި އިތުރަށް ބުނީ ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް މާތް ﷲގެ ކޯފާއާއި އެކަލާނގެ ރަސޫލާގެ ލަޢުނަތެއް ވާ ކަމަށެވެ. އަދި ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ނެތިވެ، ފަޤީރުކަން އިތުރުވާ ކަމަށް ޙުތުބާގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި، ނަފުސުގެ ދަހިވެތިކަން ހިމެނޭ ކަމަށްވެސް ޙުތުބާގައި ބުނެފައިވާއިރު، އަމާނާތްތެރިކަމަކީ މުއުމިނުންގެ އަސާސީ ސިފައެއް ކަމަށާއި، ޚިޔާނާތްތެރިކަމަކީ މުނާފިޤުންގެ ޢަލާމާތެއް ކަމަށްވެސް ޙުތުބާގައި ބުނެއެވެ.
ޙުތުބާގައި ވަނީ ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމަށް އެދޭ ނަމަ، މާތް ﷲ ޙަރާމްކުރައްވައިފައިވާ އެންމެހައި ކަމަކުން ދުރުހެލިވެ، ތަޤުވާވެރިވެ، ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަށް އިލްތިމާސްކޮށްފަ އެވެ.