އަވަހާރަކޮށްލާފައިވާ އިސްލާމީ އިންގިލާބުގެ ކުރީގެ ލީޑަރު، އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމީ ކަންކަން އީރާނުގެ ވެރިރަށް ތެހެރާނުގައި ފެށިއްޖެއެވެ.

ތެހެރާނުގައި މި މަހުގެ 4 އިން 9 އަށް ކުރިއަށްދާ މި ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްވެރިންނާއި ދީނީ އިލްމުވެރިން ދަނީ ތެހެރާނަށް ޖަމާވަމުންނެވެ. އިންޑޮނީޝިއާ އާއި އަފްޣާނިސްތާނުގެ ދީނީ އިލްމުވެރިންނާއި ސަގާފީ ޝަހުސިއްޔަތުން އެންމެ ފުރަތަމަ މި ރަސްމިއްޔާތުގައި ބައިވެރިވެ، ލީޑަރަށް އެންމެ ފަހުގެ އިހްތިރާމް ވަނީ އަދާކޮށްފައެވެ.

އެގޮތުން ރަޝިޔާ، ޗައިނާ، ޕާކިސްތާން، އިންޑިއާ، ޖިއޯޖިއާ އަދި ކިއުބާ ފަދަ 30 އަށް ވުރެ ގިނަ ގައުމުތަކުގެ އިސް އޮފިޝަލުންނާއި މަންދޫބުން މި ވަގުތު ތިއްބެވީ އީރާނުގައެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ލީޑަރުގެ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލައްވާފައެވެ.

"އިސްލާމީ އިންގިލާބުގެ މި ހިދުމަތްތެރިޔާ ވަކިވުމަށް، ނަސްލަކަށް، ދީނަކަށް ނުވަތަ ސިޔާސީ ވިސްނުމަކަށް ބެލުމެއްނެތި، އެންމެހާ ރައްޔިތުން ގައުމީ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުގައި މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު އަރުވަން،" ޕެޒެޝްކިއަން ވިދާޅުވިއެވެ.

މި އަންނަ ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ މި ޖަނާޒާގެ ރަސްމިއްޔާތުތަކުގައި 15 އާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށް އީރާނުގެ އޮފިޝަލުން ލަފާކުރެއެވެ.

ތެހެރާނުގައި ކުރިއަށްދާ މި ރަސްމިއްޔާތަށްފަހު، ހޯމަ ދުވަހު ތެހެރާނުގެ މަގުތަކުގައި ޖަނާޒާގެ ހިނގާލުން އޮންނާނެއެވެ.

އެއަށްފަހު، ގޫމް ޝަހަރުގަޔާއި، އިރާގުގެ ބަޣުދާދާއި، ކަރުބަލާ އަދި ނަޖަފްގައި ވެސް ޖަނާޒާގެ ހާއްސަ ހަރަކާތްތައް ކުރިއަށްގެންދާނެއެވެ.

އެންމެ ފަހުން، ޖުލައި 9 ވަނަ ދުވަހު އާޔަތުﷲ ޚާމަނާއީގެ ހަށިކޮޅު ފަސްދާނުލާނީ މަޝްހަދުގައެވެ.

އީރާނުގެ ކުރީގެ ރޫހީ ލީޑަރު އަލީ ޚާމަނާއީގެ ހަނދާނުގައި ބާއްވާ އެ ރަސްމިއްޔާތުތައް ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެއެވެ.

ޚާމަނާއީގެ ޖަނާޒާ ބޭއްވުމަށް އެންމެ ފުރަތަމަ ޝެޑިޔުލްކުރީ މާޗު މަހުއެވެ. ނަމަވެސް އިރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޖަނާޒާގެ ކަންކަން ވަނީ ފަސްކޮށްފައެވެ.

އުމުރުފުޅުން 86 އަހަރުގައި ޚާމަނާއީ އަވަހާރަވީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައެވެ.

އެދުވަހުގެ ހަމަލާތައް ޚާމަނާއީ ދިރިއުޅުއްވަމުންގެންދެވި ގެކޮޅަށް އަމާޒުކޮށް ދީފައިވަނީ ޚާމަނާއީ އަވަހާރަކޮށްލާ އެމެރިކާ އާއި އިސްރާއީލުން ބޭނުންވާ ބަޔަކު އިރާނުގެ ސަރުކާރަށް ގެނައުމަށެވެ.

އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި އާޔަތުﷲ ޚާމަނާއީ ޝަހީދުކޮށްލުމަކީ މުޅި އިސްލާމީ އުންމަތަށް ލިބުނު ފުން ހިތާމައެކެވެ.