މި ދުނިޔޭގައި އިންސާނުން އުޅެމުންދަނީ އެކަކު އަނެކަކަށް ބަރޯސާވެގެންނެވެ. އަމިއްލަ ކާމިޔާބީއަށްޓަކައި މަސައްކަތް ކުރުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ. ނަމަވެސް، އެހެން މީހަކަށް ކާމިޔާބީ ހޯދައިދިނުމުގައި އެހީތެރިވެދިނުމުން ލިބޭ ހިތްހަމަޖެހުމަކީ، އަމިއްލަ ކާމިޔާބީއަށްވުރެ މާ ފުން، އަދި އިހުސާސްތަކުން މުއްސަނދިވެފައިވާ އުފަލެކެވެ. ގިނަ ފަހަރަށް އަހަރެމެންނަށް ހީވަނީ ކާމިޔާބީއަކީ ހަމައެކަނި އަމިއްލަ މަސައްކަތުން ހޯދާ އެއްޗެއް ކަމަށެވެ.

އަދި ހަގީގަތަކީ އެހެން މީހުންގެ ކުރިއެރުމަށްޓަކައި މަގު ފަހިކޮށްދިނުމަކީ ވެސް ބޮޑު ކާމިޔާބީއެެއް ކަމެވެ. އެހެން މީހަކަށް ތައުލީމު ހޯދައި ދިނުމާއި ހުނަރު ދަސްކޮށްދިނުން ނުވަތަ ހިތްވަރު ދިނުމުން އެ މީހަކު ހޯދާ ކާމިޔާބީގެ ހިއްސާދާރަކަށް ވެސް ތިމާ ވެއެވެ. އެހެންމީހުންނަށް އެހީތެރިވެދީ ކާމިޔާބީގައި ހިއްސާވެދެވޭނެ ގޮތްތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލުގައި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިވާ ހިނދު އެކަންކަމުން އަރައިގަތުމަށް އެމީހެއްގެ ތަޖުރިބާ ހިއްސާކޮށް އެހީތެރިވެދެވިދާނެއެވެ. އަދި އެމީހުންގެ އަޑުއަހައި، ދުވަސް ފާއިތުވަމުން ދަނީ ކިހިނެއްތޯ ސުވާލުކޮށް، އެކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް "ސަޕޯޓިން ސްޕޭސްއެއް" ހޯދުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރެވިދާނެއެވެ.

އެ މީހެއްގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ލިބޭ ކާމިޔާބީގެ ފަހަތުގައި ތިމާގެ ހިއްސާއެއް އޮތްކަން އެނގުމަކީ ނަފްސާނީ ގޮތުން ލިބޭ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އެހެން މީހުންނަށް އެހީވުމަކީ އިންސާނީ ތަބީއަތުގައިވާ ރިވެތި ސިފައެކެވެ. އަނެކުންނަށް ކާމިޔާބީ ހޯދައިދިނުމަށް މަސައްކަތްކުރާ މީހާގެ އަމިއްލަ ނަފްސަށާއި މުޖުތަމައުގައި އޭނާއަށް އޮންނަ ޤަދަރު ބޮޑުވެގެންދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، އެހެން މީހުންނަށް ހެޔޮކޮށްހިތުމާއި އެހީވުމުން ސިކުނޑީގައި އުފެދޭ އުފާވެރިކަމުގެ ހޯމޯންތައް އިތުރުވެ، މީހާގެ ދިރިއުޅުން އިތުރަށް އުފާވެރިވެގެންދެއެވެ. އަދި އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންސާނީ ގުޅުންތައް ވަރުގަދަކޮށްދޭ ކަމެކެވެ. ހަމައެހެންމެ އެހީތެރިކަން ލިބުނު މީހާގެ ހިތުގައި އެހީތެރިވި ފަރާތަށްޓަކައި އޮންނަ ލޯތްބާއި އިހުތިރާމުގެ ސަބަބުން އެކުވެރިކަމުގެ ބިންގާ ވަރުގަދަކޮށްދެއެވެ.

ކާމިޔާބީ އެކަނި މާއެކަނި ހޯދުމަށްވުރެ، އެންމެން ގުޅިގެން ހޯދުމުން އޭގެ ފޮނިރަހަ މާގަދައެވެ. އަހަރެމެންގެ ވަށައިގެން އުޅޭ މީހުން ކާމިޔާބު މީހުންގެ ގޮތުގައި ފެނުމަކީ، މުޖުތަމައުއެއްގެ ގޮތުން އަހަރެމެން އެންމެންނަށް ވެސް ލިބޭ ފަހުރެކެވެ. އެހެން މީހުންނަށް ކާމިޔާބު ހޯދައިދޭން މަސައްކަތްކުރުމުގެ ހިއްވަރު އަހަރެމެންގެ ކިބައިގައި ހުރުމަކީ ލިބޭނެ މަތީ ދަރަޖައިގެ ކާމިޔާބީއެކެވެ.

އެހެނީ އެހެން މީހުންގެ ކާމިޔާބީއަށްޓަކައި މަސައްކަތް ކުރުމަކީ، އަމިއްލަ ފައިދާއަށްވުރެ ބޮޑު ރޫހެއްގައި ކުރެވޭ ކަމެކެވެ. ތިމާގެ ހިއްވަރާއި އެހީތެރިކަމުގެ ސަބަބުން މީހެއްގެ ދިރިއުޅުން ބަދަލުވެގެންދިއުމަކީ، އަގުކުރެވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން، އެހެން މީހުންގެ ކާމިޔާބީގައި އުފާކުރަން ދަސްކުރާށެވެ. އަދި އެ މީހުން އެ ހިސާބަށް ދިއުމަށްޓަކައި ތިމާއަށް ވެވުނު މިންވަރަކުން އެހީތެރިވެދޭށެވެ!ެއޯގާތެރިކަމުގެ އެފަދަ އަމަލުތަކުން ލިބޭނެ ހިތްހަމަޖެހުމަކީ އެހެން ކަންކަމުން ލިބޭނެ ހިތްހަމަޖެހުމެއް ނޫނެވެ.