ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތަށް އޮތް ހުރަހަކީ މަސްތުވާތަކެތީގެ ވަބާ ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، 42 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މިއަދު ދަސްވެނިވި ފުލުހުން ކުރިމަތިލާން އޮތް ތަނަކީ ރާއްޖޭގެ ކުށުގެވެށިކަމަށެވެ.
އެގޮތުން ރާއްޖޭގެ ކުށުގެވެއްޓާއި ފުލުހުން ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މިއަދު ދަސްވެނިވެ ހިދުމަތާ ހަވާލުވާ ހުރިހާ ފުލުހުން މާދަމާ އިން ފެށިގެން ކުރިމަތިލާން އޮތް ވެއްޓަކީ ކުށުގެ ވެށިކަމަށެވެ. އެގޮތުން އެ ފަދަ ޗެލެންޖިން ކުށުގެ ވެއްޓަކަށް ނިކުންނަ އިރު އަސާސީ ތަމްރީނުތަކުން ހަމައެކަނި ނުއެއްފުދޭނެ ކަމަށް ދފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ކޮންމެ ފުލުސް އޮފިސަރަކީ ވެސް ތައުލީމާއި ތަމްރިނާ އެކު އަދުގެ ޒަމާނީ ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކަށް ހޭލުންތެރިވެ އޭގެ ތެރެއިން ކުރަމުން އަނަން ކުށަށް ވަރަށް ރަނގަޅަށް ޖަވާބުދެވޭ ގޮތަށް ތައްޔާރުވެގެން ތިބޭ ފުލުހުން ކަމުގަ ވާން ޖެހޭނެ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ފުލުހެއްގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާން ވާނީ ބެޓަނާއި އެނޫން ހަތިޔާރުތައް ނޫންކަމަށާއި، ފުލުހުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ފުލުހުންނަށް އޮތް އިތުބާރު ކަމަށެވެ. އެގޮތުން ކިބުރުވެރިކަމެއް ނެތި ނަޒާހަތްތެރިކަމާއެކު ޚިދުމަތްކުރުމާއި، ފުލުހުންގެ ޒިންމާ އަދާކުރުމަކީ އާއްމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.