ސޯޝަލް މީޑިއާގައި މިފަހަކުން ނުކުޅެދުންތެރިންކަން ހުންނަ ފަރާތެއްގެ ފޮޓޯއަކަށް ކުޑައިމީސްކޮށް މުއާމަލާތްކުރި މައްސަލަ ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާބެހޭ ވުޒާރާއިން ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޮޓޯއާއި، ވީޑިއޯ ފަދަ ފޯސްޓުތަކަށް އާންމުންގެ ބައެއް ފަރާތްތަކުން މަލާމާތް ރައްދުވާ ފަދަ ބަހުރުވައަކުން ފާޑުކިޔަމުންދާތީ އެ ވުޒާރާއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ރާއްޖެއިން ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ގާނޫނު އަސާސީގެ 36ވަނަ މާއްދާއިން ޚާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ފަރާތްތަކެކެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އިޚްތިރާމް ކުރުމާއި، އަމިއްލަވަންތަކަމާއި، އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެ ފަރާތްތަކަށް ލިބިގެންވާ ޙައްްޤެއް ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ފަދަ ބަހުރުވަ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުން ކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ ފަދަ މުޖުތަމައެއް ބިނާކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.

އަދި މިފަދަ ކަންކަން މުޖުތަމައުގައި އާންމުވެގެން ދިއުމަކީ މިފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާތަކަށް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އިޖުތިމާޢީ ހަރަކާތްތަކުގައި އެފަރާތްތަކުގެ ބައިވެރިވުމަށް ގޮންޖެހުންތައް މެދުވެރިވާ ކަމެއްގެ ގޮތުގައި އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެހެން ކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަދި މަލާމާތް ރައްދުވާ ފަދަ މޭރުމަކުން ސޯޝަލް މީޑިއާގައި ކޮމެންޓުތަކެއް އާންމުވެފައިވާތީ، އެ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށް އެފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް ސިއްހީ ވުޒާރާއިން ވަނީ ގޮވާލާފައެވެ.

އަދި އެފަރާތްތަކުގެ ހައްޤުތައް ކަށަވަރު ކުރުމަށް ދައުލަތުން ކުރާ މަސައްކަތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.