ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ފުރިހަމަކޮށްފައި ނުވާ އެޕްލިކޭޝަންތައް ފުރިހަމަ ކުރުމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ބައެއް މަރުހަލާތަށް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ހުރި ގިނަ ހުށަހެޅުންތަކެއް ހުރިކަން އެ ވުޒާރާ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ އެޕްލިކޭޝަންތައް ފުރިހަމަކޮށް ފައިސާ ދެއްކުމުގެ ފުރުސަތު މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

އެގޮތުން ހުޅުވާލާފައިވާ އެޕްލިކޭޝަން ތަކުގެ ތެރޭގައި، ކުންފުނީގެ ނަން ރިޒާވްކުރުމަށް އެދި ހުށަހަޅައި، ފައިސާ ދެއްކުމުގެ މަރުހަލާ ފުރިހަމަނުކޮށް ހުރި އެޕްލިކޭޝަންތަކާއި، ވިޔަފާރި ނުވަތަ ވިޔަފާރީގެ ނަން ރިޒާވްކުރުމަށްފަހު، ރަޖިސްޓްރީކުރުމުގެ މަރުހަލާ ފުރިހަމަ ނުކޮށް ހުރި އެޕްލިކޭޝަންތަކުގެ އިތުރުން، ވިޔަފާރި ނުވަތަ ވިޔަފާރީގެ ނަން ރިޒާވްކޮށް ރަޖިސްޓްރީކުރުމަށް ފޯމު ހުށަހަޅާއި، ފައިސާ ދެއްކުމުގެ މަރުހަލާ އަށް ދިއުމަށްފަހު، ފައިސާ ނުދެއްކުމުގެ ސަބަބުން ރަޖިސްޓްރީ މުޅިން ފުރިހަމަ ނުވެ ހުރި އެޕްލިކޭޝަންތައް ހިމެނެއެވެ.

މީގެއިތުރުން، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ރިޒާވް ކުރުމަށްފަހު، ނަން ބަދަލުކުރުމަށް ހުށަހެޅުން، މުޅިން ފުރިހަމަ ކުރެވިފައި ނުވާ އެޕްލިކޭޝަންތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ރިޒާވް ކުރުމަށްފަހު، ނަން ބަދަލުކުރުމަށް ހުށަހެޅުނު ފޯމު ފުރިހަމަކޮށް، ފައިސާ ދެއްކުމުގެ މަރުހަލާ އާއި އަމައަށް ހުށަހެޅުނު ކުރިއަށް ގެންދެވި، ފައިސާ ދެއްކުމުގެ ސަބަބުން، ނަން ބަދަލުކުރަން ހުށަހެޅި ހުށަހެޅުން މުޅިން ފުރިހަމަ ކުރެވިފައި ނުވާ އެޕްލިކޭޝަންތަކަށް ވެސް ފުރުސަތު ހުޅުވާލާފައިވެއެވެ.

އެހެން ކަމުން މި މަހުގެ 16 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން އެޕްލިކޭޝަންތައް ފުރިހަމަ ކުރުމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެ ވުޒާރާއިން ވަނީ ފައިސާ ދައްކަންޖެހޭ އެޕްލިކޭޝަންތަކަށް ފައިސާ ދެއްކުމަށް ވެސް އެދިފައެވެ. އަދި އެ މުއްދަތަށްފަހު ނުނިމި ހުރި އެޕްލިކޭޝަންތައް އެއްވެސް އެންގުމަކާ ނުލާ ސިސްޓަމުން ބާތިލު ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެެވެ.