ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 239 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ބަޔާންތަކުން ދައްކައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ސްޓެލްކޯގެ 2025 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓުން ދައްކާ ގޮތުން، މިއީ ގާތްގަނޑަކަށް 30 އިންސައްތައިގެ އިތުރުވުމެކެވެ. އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ފައިދާ އަކީ 181 މިލިއަން ރުފިޔާގެ އެވެ.
ސްޓެލްކޯގެ ފައިދާ އިތުރުވީ، ކުންފުނީގެ އާމްދަނީ އިތުރުވެ، ދަރަންޏަށް ކުރި ހޭދަ ކުޑަކޮށްފައިވާތީ އެވެ.
ސްޓެލްކޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ އާމްދަނީ ހޯދުމަށް އެ ކުންފުނިން ވަނީ 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
ކުންފުނީގެ ތެލުގެ ހަރަދުތަކަށް މިދިޔަ އަހަރު 66 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ ހޭދައާ އަޅާބަލާއިރު 45 އިންސައްތަ އިތުރު އަދަދެކެވެ.
ސްޓެލްކޯއިން ވަނީ މިދިޔަ އަހަރު ލޯނު އަނބުރާ ދެއްކުމަށް 140 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އޭގެ ކުރީ އަހަރު ދަރަނި ދެއްކުމަށް ހޭދަވީ 150 މިލިއަން ރުފިޔާ އެވެ.
މީގެއިތުރުން، މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމާއި އެޑްމިނިސްޓްރޭޓިވް ކަންކަމަށް ކުރި ހޭދަ ވެސް ވަނީ 15 އިންސައްތަ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ކުންފުނީގެ މުވައްޒަފުންނަށް މުސާރަދީ، ހިންގުމުގެ ހޭދައަށް ހަރަދުވީ 392 މިލިއަން ރުފިޔާ އެވެ.
ސްޓެލްކޯއިން މިދިޔަ އަހަރު އާންމުކޮށް ކުރި ހަރަދުތައް ކުޑަވި ނަމަވެސް، ރިޓަޔަމެންޓް ބެނެފިޓަށް ކުރި ހޭދަ ވަނީ 300 އިންސައްތަ އިތުރުވެފަ އެވެ. އެ ކުންފުނިން ރިޓަޔަކުރި މީހުންގެ އިނާޔަތްތަކަށް މިދިޔަ އަހަރު 20 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު،. އޭގެ ކުރީ އަހަރު އެކަމަށް ހޭދަވީ ފަސް މިލިއަން ރުފިޔާ އެވެ.