މިދުވަސްވަރު ސްކޫލަށް ހާޒިރުނުވާ ދަރިވރުންގެ އަދު އިތުރުވެފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް ރިޕޯޓް އާންމުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވަނީ ސްކޫލަށް ނުދާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ފާހަގަވެފައިވާ ކަމަށާއި، އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

" މި ނިމުނު ޖޫން މަހުން ފެށިގެން އަޅުގަނޑުމެން މި ދަނީ ވުޒާރާތެރެއިން ޕްލެޓެފޯމެއްގާއިމު ކޮށް ކޮންމެ ދުވަހަކުވެސް ސްކޫލަށް ހާޒިރުވާ ދަރިވަރުން އައިޑެންޓިފައި ކުރަމުން. އަދި ނުދާ ދަރިވަރުން ވެސް އަޅުގަނޑުމެން މިދަނީ ބަލަމުން. ކުރީގަ މި އޮންނަ ގޮތަކީ ކުއްޖަލު ސްކޫލަށް ލޯންގް އެބްޒެންޓިޒަމްއެއްގަ. ނުވަތަ ވަކި އަދަދަކަށް ކުލާހަށް ނުދިޔައިމަ މިނިސްޓްރީއަށް ރިޕޯޓު ކުރާ ގޮތަށް ޕޮލިސީ މި އޮންނަނީ. އެހެން ނަމަވެސް މިހާރު މި ބަލަނީ ކޮންމެ ދުވަހަކު ވެސް އެއްވެސް ސަބަބަކާ ހުރެ ކިހާ ކުދިންނެއްތޯ ސްކޫލަށް ދެވެނީ ކިހާ ކުދިންނައްތޯ ނުދެވެނީ. އެ އަޅުގަނޑުމެން މި ދަނީ ދެނެގަންނަމުން"

ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު

ބެލެނިވެރިންނާއި މުދައްރިސުން ވެސް އެކަމާ ދޭތެރޭ ވިސްނަން ޖެހޭކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ހާއްސަކޮށް ބެލެނިވެރިން އެ މައްސަލައާ ދޭތެރޭ ވިސްނަން ޖެހޭނެ ކަމަށެވެ.

"އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،"

ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 ޕަސެންޓަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. އަދި ސްކޫލަށް ހާޒިރު ނުވެ، ފިލާވަޅުތައް ގެއްލޭނަމަ ނަތީޖާއަށް އަސަރު ކުރާނެ ކަމުގައި ވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.