ރާއްޖޭގެ މާލީ ދާއިރާގައި ބޭއްވޭ އެންމެ ބޮޑު މައުރަޒު ކަމަށްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" 38 އެގްޒެބިޓަރުންނާއެކު، ސެންޓްރަލް ޕާކުގައި މިއަދު ފަށައިފިއެވެ.

"މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެގޮތުން އެ މައުރަޒުގައި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، މާލީ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ފިނަންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ޚިދުމަތްދޭ ފަރާތްތައް ހިމެނޭހެން ޖުމްލަ 38 ފަރާތަކުން ބައިވެރިވެއެވެ.

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ބައިވެރިވާ މުއައްސަސާތަކުގެ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.

އެމް.އެމް.އޭ ގެ 45 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 2 އިން 4 ގެ ނިޔަލަށެވެ.

މި މައުރަޒަކީ 9 އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވޭ މައުރަޒެކެވެ.

އެމްއެމްއޭ އިން ބުނީ މި މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމާއި، މާލީ ނިޒާމުގެ ތެރޭގައި އެންމެން ބައިވެރިކުރުވުމަށް ބާރުއެޅުމުގެ އިތުރުން، ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއި އީޖާދުތައް ދައްކާލުން ކަމަށެވެ.

މި މައުރަޒުގެ ސަބަބުން މާލީ ދާއިރާގެ ހުރިހާ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އާންމުންނަށް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ރެގިއުލޭޓަރީ އިދާރާތަކާ ސީދާ މުޢާމަލާތްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ދަނީ ބޭންކިންގ، އިންޝުއަރެންސް، އިންވެސްޓްމަންޓް، ޑިޖިޓަލް ޕޭމަންޓް އަދި މާލީ ރޭވުންތެރިކަމާ ގުޅޭ މަޢުލޫމާތާއި ލަފާ ފޯރުކޮށްދެމުން ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި، މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، މާލީ ދާއިރާގެ މާހިރުންގެ ޕެނަލް މަޝްވަރާތައް ކުރިއަށްދާނެއެވެ.

މިއީ މާލީ ޚިދުމަތްތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ހަރުދަނާ މާލީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދިނުމަށް ރޭވިފައިވާ ކަންކަން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި އެކްސްޕޯ ހުޅުވުމުގެ ކުރިން، އަންގާރަ ދުވަހުގެ ރޭ ވަނީ "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ބާއްވާފައެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ މުއައްސަސާތަކާއި ފަރުދުންގެ އަގުވަޒަންކުރުމަށް އެމް.އެމް.އޭ އިން އަލަށް ތައާރަފުކުރި އެވޯޑެކެވެ. މީގެ ތެރޭގައި ޑިޖިޓަލް ފައިނޭންސް، އެސް.އެމް.އީ ފައިނޭންސް، އަދި ދެމެހެއްޓެނިވި މާލީ ނިޒާމު ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން، އެމް.އެމް.އޭ ގެ ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ ޚިދުމަތުގެ އަގުވަޒަންކޮށްފައިވެއެވެ.

އެމްއެމްއޭ އިން ބުނީ މުޅި އާއިލާއަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި އެކްސްޕޯގައި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ހިމެނޭ ކަމަށެވެ.

މިގޮތުން ޖުލައި 3 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް "ކުޑަކުދިންގެ ހަވީރު" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ކޮންމެ ރެއަކުވެސް ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި ބޮޑުބެރު ގްރޫޕްތަކުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި ޖުލައި 3 އާއި 4 ގެ ރޭގަނޑު 10:00 ގައި ހަވާއެރުވުމުގެ ހަރަކާތެއްވެސް ކުރިއަށްދާނެއެވެ.

މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ 25،000 ރުފިޔާގެ ގްރޭންޑް ޕްރައިޒްގެ އިތުރުން، ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތްތަކަށް އެޕަލް އައިޕެޑާއި އެމް.އެމް.އޭ އިން ހުށަހަޅާފައިވާ 5،000 ރުފިޔާގެ ހަނދާނީ ނޫޓު ލިބުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި އެކްސްޕޯގައި ބައިވެރިވާ އެހެނިހެން ކުންފުނިތަކުންވެސް ގިނަ އިނާމުތަކެއް ހުށަހަޅާފައިވެއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އަކީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީކޮށް، އާންމުން ހޭލުންތެރިކުރުވުމަށް އެމް.އެމް.އޭ އިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.