މި ރާއްޖެ ދަރުވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މާވަށު ދާއިރާގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މާވަށުގައި 2024 ވަނަ އަހަރުގެ އޭޕްރީލް މަހު 11 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބުމުން ޑޮލަރުގެ އަގު 15.42ށް ތިރިކުރެވޭނެކަމަށް ވިދާޅުވެފައިވާއިރު މެޖޯރިޓީ ލިބި ދެ އަހަރުވެފައިވާއިރު ޑޮލަރުގެ އަގު މައްޗަށްދާއިރު ޑޮލަރުގެ އަގު މައްޗަށްދަނީ މިސަރުކާރުން ގަސްތުގައިތޯ ނުވަތަ އެއީ އެކަންކުރާނެ ގޮތެއް ނޭންގި ސިޔާސީ ބޭނުމެއްގައި ދެއްކި ވާހަކައެއްތޯ ނޫސްވެރިޔާ ވަނ ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެ ދަރުވާލީ ރައީޞް ޞާލިހް ކަމަށެވެ.
އެގޮތުން އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން މުހައްމަދު ނަޝީދު އޭރު މަޖިލީހުގެ ރައީސްކަމުގައި ހުންނެވިއިރު ނަޝީދުވެސް އޭރު އެހެން ވިދާޅުވަމުން ދިޔަކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް ނަޝީދުވެސް އޭރު އަޑުފުޅަށް ބާރުލާފައި ރައީސް ޞާލިހުގެ ސަރުކާރު ދަނީ ފެއިލްވަމުން ކަމަށް ވިދާޅުވަމުން ދިޔަ ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖެ ދަރަނިވެރިވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް ރާއްޖޭގައި އިތުބާރުހުރި އިކޮނޮމީއެއް ގާއިމުކުރުމަކީ ރައީސް ޞާލިހަށް ނުކުރެވުނު ކަމެއް ކަމަށާއި ރާއްޖޭގައި އިތުބާރުހުރި އިކޮނޮމީއެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
ސައީދު ވިދާޅުވީ އޭރު މަޖިލިސްގައި ތިބި ޑިމޮކްރެޓްސްގެ މެންބަރުން ދިޔައީ ރައީސް ޞާލިހްގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށާއި އެއީ ފައިސާ ޗާޕުކުރާތީ ކަމަށާއި ވައްކަން ގިނަވެ ހުސްވަގުން ތިބިކަމަށް އެ މެންބަރުން ވިދާޅުވަމުން ދިޔަ ކަމަށެވެ.
އެހެންކަމުން އެ ބޭފުޅުން ކުރެން އެ ސުވާލު ކުރެއްވުން މާ އައުލާކަން ބޮޑުކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މާވަށު ދާއިރާގައި އެވާހަކަ ދެއްކީއިރު ފައިސާ ޗާޕުކުރަން ޖެހުނު ސަބަބު ހާމަކުރުމަށް އެދިފައިވާނެކަމަށެވެ. ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ބަދަލުވެ ޕީއެންސީއަށް ވެރިކަން ލިބުމާއި މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބުމަކީ ނަސީބެއްކަމަށެވެ. އެހެންނޫންނަމަ މިއަދު ރާއްޖެ އޮންނާނީ ބަނގުރޫޓްވެފައިކަމަށް ސައީދު ވިދާޅުވިއެވެ.
މި ދެއަހަރު ތެރޭގައި 1.29 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކައިފިކަމަށެވެ. މިއާއެކު ރޭޓިންގ ރަނގަޅުވެފައިވާކަމަށާއި ރާއްޖެއާ މެދު ބައިނަލްއަގްވާމީ ފަރާތްތަކުގެ އިތުބާރު ބޮޑުވެފައިވާކަމަށެވެ. ފައިނޭންޝަލް ސެކްޓަރ ގައި އިތުބާރު ގާއިމުކުރެވިއްޖެކަމަށާއި އޭގެ ފައިދާ ރާއްޖެ އަށް ލިބެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.