2027 ވަނަ އަހަރު އަންނަންވާއިރަށް މާލޭ ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އާބާދީ ފަސްލައްކަ ފަހަނައަޅާ ގޮސްފައިވާއިރުވެސް މާލޭ ކޮމާޝަލް ޕޯޓް އޮތީ އޮތް ވަރެއްގައި ކަމަށެވެ.

އަދި ރާއްޖެ އަންނަ ޓުއަރިސްޓުންގެ އަދަދު 2.4 މިލިއަނަށް އަރާފައިވާ ކަމަށާއި ރާއްޖޭގައި ވަރަށް ގިނަ ބިދޭސީ މަސައްކަތްތެރިންވެސް އެބައުޅޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ހަމައެހެންމެ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ހާއްސަގޮތެއްގަ ފަތުރުވެރިކަމުގެ އިންވެސްޓުމަންޓުތައް ކުރިއަށްދާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އަބަދުވެސް އެންމެ ކުރިއަރާދަނީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ކަމަށެވެ.

ދެން އޭގެއިތުރުން ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކާއި ޕްރައިވެޓް ވިޔަފާރިތަކުން ކުރާ އެކިކަހަލަ މަސައްކަތްތަކާއެކު 2.4 މިލިއަން މީހުންގެ އާބާދީއަކަށް ތަކެތީގެ ޑިމާންޑް މީގެ ސާޅީހަކަށް އަހަރު ކުރިއާ އަޅާބަލާއިރު އިންތިހާއަށް އުފުލިފައިވާ ކަމަށެވެ.

"ގުޑްސްގެ ޑިމާންޑް އިންތިހާއަށް އުފުލިގެން ހިނގައްޖެ. މީގެ 40 އަހަރުކުރިއާ އަޅާބަލާއިރު.އެކަމު މީގެ 40 އަކަށް އަހަރު ކުރީގަ ހެދި ޕޯޓް ފެޝިލިޓީ އަދިވެސް މި އިންނަނީ..މީގެ ޖަސްޓިފިކޭޝަނެއް ނެތް އިނގޭތޯ.އެކަމެއް ނެތް އެއްވެސް ސަރުކާރަކަށް ރަނގަޅު ކުރެވިފައެއް.މިހާ ހިސާބަށް އެހެންނޫންތޯ.މާލޭ ބަނދަރުގެ މައްސަލައެއް.އެކަމަކު މާލޭ ނުވަތަ ވެލާނާ އިިންޓަނޭޝަނަަލް އެއަރޕޯޓު ޒަމާނީކޮށް އެކްސްޕެންޑްކޮށް ފުޅާކުރެވި.4 މިލިއަން ޕެސެންޖަރ ޓްރެފިކަކަށް ރެޑީ ކުރެވިއްޖެ."

އިކޮނޮމިކް މިނިސްޓަރު ސައީދު

ސައީދު ވިދާޅުވީ ގިނަ ގައުމުތަކުގެ ފަންނީ އެކްސްޕާޓުން ލަފާކުރާގޮތުގައި އެއަރޕޯޓާއި ޕޯޓުގެ މަސައްކަތް ކުރިއަށްދާންޖެހޭނީ އެކުގައި ކަމަށެވެ.

ނަމަވެސް އެއްވެސް ސަރުކާރަކުން އެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައި ނުވާ ކަމަށާއި އެހެންކަމުން ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މިގޮތުން ސައީދު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ ބިންގާ ޖުލައި 6 ގައި އަޅަން ނިންމާފައިވާކަމަށާއި 2027 ވަނަ އަހަރަށް މާލެ ކޮމާޝަލް ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވިއެވެ.

މާލޭ ކޮމާޝަލް ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް މި ސަރުކާރުން ފާހަގަކުރެއެވެ.