ރަސްފަންނު ވީހާވެސް އަވަހަކަށް ބަންދުކޮށް، ރައްކާތެރި ކަމުގެ މިންގަނޑު ބަލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ބާއްވާފައިވާ ޖަލްސާގައި ވަނީ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު އެމް.ޓީ.ސީ.ސީން 13 ޖޫން ގައި މަރާމާތުކޮށް ހުޅުވާލި ފަހުން ފެންގަނޑު ވަރަށް ބޮޑަށް ކިސަޑުވެ ތަގައްޔަރު ވެފައިވުމުގެ ސަބަބުން އާންމުންގެ ތެރޭގައި ބަލިތަށް ފެތުރުމަށް މަގުފަހިވުމަކީ އެކަށީގެންވާ ކަމެއްކަމުން ރަސްފަންނު ވީހާވެސް އަވަހަކަށް ބަންދުކޮށް، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ރައްކާތެރި ކަމުގެ މިންގަނޑު ބަލައި ނުރައްކާ މިންވަރެއްގައި ހުރި ނަމަ އެކަން ހައްލު ކުރުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާކޮށްފަ އެވެ.
އެގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާދަމް އާޒިމް ވަނީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ރިލްވާން އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ލަބާން ޝަރީފް، ދެބޭފުޅުން އެ މަސައްކަތުގައި ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން އެ ބޭފުޅުން ދަންވަރުގެ ވަގުތުގައިވެސް އެތަނަށް ވަޑައިގެން، މިކަން ބަލައި ކަންބޮޑުވުން ފާހަގަކޮށްފައިވާ ކަމަށާއި، މާފަންނު މެދު ދާއިރާގެ މެމްބަރު، އައިޝަތު ހަނާ އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު، ހުސައިން ފުރުޝާން ވެސް މޭޔަރާ އާޒިމް އެއްކޮށް އެތަން ބައްލަވާލައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ރިލްވާން ވަނީ ރަސްފަންނު ސަރަހައްދުގެ މޫދުގައި ވަރަށް ގިނަ އަދަދެއްގެ ކުނި ހުރިކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން އެތާނގައި އެއްވެސް ސާފުތާހިރުކަމުގެ މިންގަނޑެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ އެތަން ތަހުގީގުކޮށް އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.