މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުރަތަމަ ފަހަރަށް ބޭއްވި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ގައި، ރާއްޖޭގެ މާލީ ނިޒާމު ފުޅާކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކޮށް، "ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ" އެވޯޑް ދީފިއެވެ.

އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި، ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކޮށް، އިތުބާރު ހިފޭ، ހަރުދަނާ އަދި ޒަމާނީ ދާއިރާއަކަށް ހެދުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށް ވަނީ އެވޯޑް އަރުވާފައެވެ.

ެއެމްއެމްއޭ އިން ބުނީ މި އެވޯޑް މައިގަނޑު ދެ ބަޔަކަށް ބަހާލެވިފައިވާ ކަމަށެވެ.

އެއީ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ފަރާތްތަކަށް އަރުވާ "ސްޕެޝަލް އެވޯޑް" އާއި، ވޭތުވެދިޔަ 45 އަހަރު ތެރޭގައި އެމްއެމްއޭ ހިންގެވުމުގައި އިސްކޮށް އުޅުއްވި ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުމުގެ ބައެވެ.

ޚާއްޞަ އެވޯޑުތައް :

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވަނީ، ރާއްޖެއަށް ބޭންކިންގ ޚިދުމަތް ތަޢާރަފުކޮށް، ޒަމާނީ މާލީ ނިޒާމެއްގެ ބިންގާ އެޅުމުގައި އަދާކުރި މުހިންމު ދައުރާއި، ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް އެ ބޭންކުން ވެދީފައިވާ ދިގު މުއްދަތުގެ ޚިދުމަތުގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑެއް އަރުވާފައެވެ.

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަގުވަޒަންކޮށްފައިވަނީ، 1981 ވަނަ އަހަރު އެމްއެމްއޭ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ޒަމާނީ އަދި ވަރުގަދަ މާލީ ނިޒާމެއްގެ ބިންގާ އެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅަށެވެ.

އަލްމަރްޙޫމް އިސްމާޢީލް ފަތުޙީއަށް ވަނީ، ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ވިޔަފާރި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް މަގުފަހިކޮށްދެއްވައި، ބޭންކިންގ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، އެވޯޑް އަރުވާފައެވެ.

އިލްޔާސް އިބްރާހީމާއި، އިބްރާހީމް ޝަފީޤަށް އެވޯޑް އަރުވާފައި ވަނީ، ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވައި، ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށާއި މާލީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅަށެވެ.

އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމަށް ޚާއްޞަ އެވޯޑެއް އަރުވާފައިވަނީ، "ރަންދިހަފަހެއް" ނޫޓު ސީރީޒް ތަޢާރަފުކުރެއްވުމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މި މަޝްރޫޢުގެ މައިގަނޑު މޭސްތިރިއެއްގެ ގޮތުން، ރާއްޖޭގެ ފައިސާ ޕޮލިމާ ނޫޓުތަކަށް ބަދަލުކުރައްވައި، ދިގު މުއްދަތަކަށް ހުންނަ، ސަލާމަތީ ގޮތުން ވަރުގަދަ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފައިސާގެ ނިޒާމެއް ރާއްޖެއަށް ގެނެސްދެއްވުމުގައި އެކަމަނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުން:

ޚާއްޞަ އެވޯޑުތަކުގެ އިތުރުން، އެމްއެމްއޭ އުފެދުނީއްސުރެ ގަވަރުނަރުކަމާއި ޑެޕިއުޓީ ގަވަރުނަރުކަން ކުރެއްވި ބޭފުޅުން، މަރުކަޒީ ބޭންކުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކޮށް އެވޯޑް އަރުވާފައިވެއެވެ.

އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ގަވަރުނަރުންނަކީ:

ރައީސް މައުމޫން ޢަބްދުލްޤައްޔޫމް - ގަވަރުނަރު (1981-2004)

އަލްފާޟިލް މުޙައްމަދު ޖަލީލް - ގަވަރުނަރު (2004-2005) އަދި ޑެޕިއުޓީ ގަވަރުނަރު (2000-2004)

ޤާސިމް އިބްރާހީމް - ގަވަރުނަރު (2005-2007)

ޢަބްދުﷲ ޖިހާދު - ގަވަރުނަރު (2007-2008) އަދި ޑެޕިއުޓީ ގަވަރުނަރު (2005-2007)

ޑރ. ފަޒީލް ނަޖީބް - ގަވަރުނަރު (2008-2013)

ޑރ. އަޒީމާ އާދަމް - ގަވަރުނަރު (2014-2017)

އަޙްމަދު ނަޞީރު - ގަވަރުނަރު (2017-2019)

ޢަލީ ހާޝިމް - ގަވަރުނަރު (2019-2024)

އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ ގަވަރުނަރުންނަކީ:

އިސްމާޢީލް ފަތުޙީ - ޑެޕިއުޓީ ގަވަރުނަރު (1981-1993)

ޢާރިފް ޙިލްމީ - ޑެޕިއުޓީ ގަވަރުނަރު (1993-2000)

އެމްއެމްއޭ އިން ބުނީ ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި، މި ބޭފުޅުން ވަނީ އެމްއެމްއޭ އަކީ ރާއްޖޭގެ ފައިސާގެ ހަމަޖެހުން ދަމަހައްޓާ، މާލީ ނިޒާމު ރައްކާތެރިކޮށް، ގައުމީ ފައިސާ ނެރެ، ފައިސާ ދެއްކުމުގެ ނިޒާމުތައް ބަލަހައްޓައި، މާލީ އިދާރާތައް ސުޕަވައިޒްކުރާ ވަރުގަދަ މަރުކަޒީ ބޭންކަކަށް ހެއްދެވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.

މި ބޭފުޅުންގެ އިރުޝާދުގެ ދަށުން ރާއްޖޭގެ މާލީ ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭ އިން ބުނީ އޭގެ ތެރޭގައި ވިޔަފާރި ބޭންކިންގ ފުޅާވުމާއި، އިންޝުއަރެންސް ދާއިރާ ތަރައްޤީވުމާއި، ފައިސާ ދެއްކުމުގެ ނިޒާމު ޒަމާނީވުމާއި، މާލީ ޤަވާޢިދުތައް ހަރުދަނާވުމުގެ އިތުރުން، އައު ފައިސާގެ ސީރީޒްތައް ނެރުމާއި ފައިސާއާ ބެހޭ ސިޔާސަތުތައް އެކުލަވާލުން ހިމެނޭ ކަމަށެވެ.