ހުޅުމާލެ ފްލެޓެއްގައި ރޯވެ، 15 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ދީފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭ އިން ބުނީ ހުޅުމާލެ 110 ވަނަ ފްލެޓްގެ ގްރައުންޑް ފްލޯ ގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު އެ ގޭގައި ދިރިއުޅެމުން ދިޔައީ ޖުމްލަ 7 ދިވެހިން ކަމަށް ވީއިރު އެ ހާދިސާގައި، 1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ 2 އެޕާރޓްމަންޓަކަށް ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކޮށްގެން އިތުރު 8 ދިވެހިންނަށްވެސް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ޖުމްލަ 15 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސާދީފައިވާ އިރު އޭގެތެރޭގައި 18 އަހަރުން ދަށުގެ 4 މީހުން އަދި 18 އަހަރުން މަތީގެ 13 މީހެއް ހިމެނޭ ކަމަށް އެން.ޑީ.އެމް.އޭ އިން މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގިއިރު އެ ގޭގައި ދިރިއުޅެމުން ދިޔަ 5 މީހަކަށްހޮސްޕިޓަލުގައި ފަރުވާދީފައިވާ އިރު، އަނިޔާވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންނަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ހާދިސާގައި ފިހުނު މީހާއަށް އެކަނި ކަމަށް އެން.ޑީ.އެމް.އޭ އިން ބުނެއެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން މައުލޫމާތު ދޭ ކަމަށް އެން.ޑީ.އެމް.އޭ އިން ބުނެ އެވެ.

މީގެ އިތުރުން، ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް އެ އާއިލާއަށް ބޭނުންވާ ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އެތަނަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެން.ޑީ.އެމް.އޭ އިން ކުރިއަށް ގެންދާނެ.އެންޑީއެމްއޭ އިން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިން ރޫމުގައި އޮތް 'ޓޫލް މެލްޓިން ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭކަމަށެވެ.

މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިތުރަށް ދިރިނޫޅެވޭ ވަރަށް ތަން ހަލާކުވެފައިވާ ކަން ފާހަގަކޮށް އެން.ޑީ.އެމް.އޭ އިން ބުނީ އެތަނަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެން.ޑީ.އެމް.އޭ އިން ކުރިއަށް ގެންދާނެ ކަމަށެވެ.