ދިވެހިރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ޓެކްނޮލޮޖީއާއި ޑިޖިޓަލް ޕޭމަންޓް ނިޒާމުތައް ކުރިއެރުވުމަށް ފަހިޕޭ ޕްރައިވެޓް ލިމިޓެޑުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޭ "އެކްސެލެންސް އިން އެމާޖިން ފައިނޭންޝަލް އިނޮވޭޝަން" އެވޯޑް އެ ކުންފުންޏަށް އަރުވައިފިއެވެ.

މި އެވޯޑް އަރުވާފައިވަނީ އަލަށް ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ހަފުލާގައެވެ.

މި އެވޯޑަކީ އެމްއެމްއޭ ގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ޒަމާނީ ކުރުމަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު ހިދުމަތްތަކެއް ކޮށްދީފައިވާ މުއައްސަސާތަކާއި ފަރުދުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.

އެމްއެމްއޭ އިން ބުނީ "އެކްސެލެންސް އިން އެމާޖިން ފައިނޭންޝަލް އިނޮވޭޝަން" ކެޓަގަރީއަކީ މާލީ ހިދުމަތްތައް ތަރައްގީ ކުރުމަށާއި، އެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގާބިލުކަން ހުރި، އަދި މުސްތަގުބަލުގައި މާލީ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްކުރާ އުންމީދީ ކުންފުނިތަކާއި އާ އީޖާދުތަކަށް ހާއްސަ ކެޓަގަރީއެއް ކަމަށެވެ.

ފަހިޕޭއަށް މި އެވޯޑް ލިބުނީ މާލީ މުއާމަލާތްތައް ހިންގުމުގައި ކުރިމަތިވާ ދަތިތަކަށް އާ އީޖާދީ ހައްލުތަކެއް ހޯދައިދިނުމަށާއި، އާވަމުންދާ މާލީ ޓެކްނޮލޮޖީގެ ދާއިރާގައި އެ ކުންފުންފުނިން ދައްކަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ސަބަބުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެވޯޑް ކޮމިޓީން ފާހަގަކުރި ގޮތުގައި، ފަހިޕޭ އަކީ އީޖާދީ ޕޭމަންޓް ސޮލިއުޝަންތައް މެދުވެރިކޮށް މާލީ ހިދުމަތްތައް ފުޅާކުރުމުގެ ބޮޑު ގާބިލުކަމެއް ހުރި ކުންފުންޏެކެވެ.

އަދި ރާއްޖޭގެ ޑިޖިޓަލް ފައިނޭންސް ދާއިރާ ކުރިއެރުވުމުގައި އެ ކުންފުނީގެ ދައުރު ބޮޑެވެ.

ދުނިޔޭގެ ފެންވަރުގައި މާލީ ޓެކްނޮލޮޖީ (ފިންޓެކް) ކުންފުނިތައް އުފެދިގެން އައުމާއެކު، މާލީ ހިދުމަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމްތަކާއި، އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ނިޒާމުތަކަކީ މިހާރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ނުހަނު މުހިންމު ވަސީލަތްތަކަކަށް ވަނީ ވެފައެވެ.

ދިވެހިރާއްޖޭގައި ވެސް ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދޭ މާލީ ހިދުމަތްތަކުގެ ސަބަބުން، ހިދުމަތްތައް ހޯދުމަށް ފަސޭހަވެ، މުއާމަލާތްތައް އަވަސްވެ، މާލީ ނިޒާމުގެ ތެރެއަށް ގިނަ ބަޔަކު ވެއްދުމަށް (ފައިނޭންޝަލް އިންކްލޫޝަން) ބޮޑެތި އެހީތަކެއް ލިބެމުންދެއެވެ.

"މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ތައާރަފުކުރެވުނީ މާލީ ދާއިރާގެ މުހިންމު ރަންގަޅު މަސައްކަތްތަކުގެ އަގުވަޒަންކޮށް، މި ދާއިރާގައި އައު އީޖާދުތައް އުފެއްދުމަށާއި މެދުނުކެނޑި ހިދުމަތްތައް ފެންވަރު ރަނގަޅު ކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ.