މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޭ "އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއަށް އަރުވައިފިއެވެ.
އެމް.އެމް.އޭ އިން މީޑިއާތަކަށް ފޮނުވާފައިވާ ބަޔާނެއްގައި ބުނީ މި އެވޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ދެ މުއައްސަސާއިން ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެއް ކަމަށެވެ.
އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ތައާރަފުކުރި މި އެވޯޑުތަކަކީ، ރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް، ޒަމާނީކުރުމަށް މުހިންމު ހިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެއް ކަން ފާހަގަކޮށް އެމް.އެމް.އޭ އިން ބުނީ "އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑަކީ މާލީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، އެކަށީގެންވާ މިންވަރަށް މާލީ ހިދުމަތްތައް ނުލިބޭ ފަރުދުންނާއި މުޖުތަމައުތަކަށް އެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އެވޯޑެއް ކަމަށެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކަށް މި އެވޯޑު ލިބުނީ، އެ ބޭންކުން ތައާރަފުކުރި "އަޕްލައި ނައު" ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ބޭންކިން ހިދުމަތްތަކަށް ވާސިލުވުން ފަސޭހަކޮށްދިނުމާއި، މުޅި ރާއްޖޭގައި އިސްލާމިކް ބޭންކިންގެ އުސޫލުތައް ފުޅާކުރުމަށް ކުރި އިސްނެގުންތަކުގެ ސަބަބުން ކަމަށް އެމްއެމްއޭ އިން ބުނެފައިވާ އިރު، އެވޯޑު ޕެނަލުން، މި ޑިޖިޓަލް ޕްލެޓްފޯމުގެ ސަބަބުން ކަސްޓަމަރުންނަށް ދުރުގައި ތިބެގެން ބޭންކިން ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ފަހިވެ، މާލީ މުއާމަލާތްތަކުގައި ބައިވެރިވުމަށް އޮތް ދަތިތަކަށް ލުޔެއް ލިބިފައިވާ ކަން ފާހަގަކުރި ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ. މީގެ އިތުރުން، ޝަރީއާ ހަމަތަކަށް ފެތޭ ބޭންކިން ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް އެ ބޭންކުން ކުރާ މަސައްކަތްތައް ވެސް ޕެނަލުން ފާހަގަކުރިއެވެ.
އެލައިޑް އިންޝުއަރެންސް ކޮމްޕެނީއަށް މި އެވޯޑު އެރުވީ، ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާ ފުޅާކޮށް، ގިނަ ބަޔަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަދާކުރި މުހިންމު ދައުރަށްޓަކައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި އެވޯޑު ޕެނަލުން ފާހަގަކުރި ގޮތުގައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އިންޝުއަރެންސްގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، މާލީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއަށް ގިނަ ބަޔަކު ވެެއްދުމަށް އެ ކުންފުނިން ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައެވެ.
މާލީ ދާއިރާ ތަރައްގިކުރުމުގައި މާލީ ބައިވެރިވުން (ފައިނޭންޝަލް އިންކްލޫޝަން) އިތުރުކުރުމަކީ އެންމެ މުހިންމު އެއް އަސާސެވެ. މީގެ ބޭނުމަކީ ކޮންމެ ފަރުދަކަށް އަދި ވިޔަފާރިއަކަށް ވެސް އެކަށީގެންވާ އަގުތަކެއްގައި މާލީ ހިދުމަތްތައް ލިބޭނެކަން ކަށަވަރުކުރުމެވެ. ބޭންކިން، އިންޝުއަރެންސް، ސޭވިންގްސް އަދި ފައިސާ ދެއްކުމުގެ ނިޒާމުތައް ހަރުދަނާވުމަކީ ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ލިބޭ ބޮޑު ބާރެކެވެ.
މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ބެހިގެންވަނީ ޖުމްލަ ހަތް ދާއިރާއަކަށް ކަމަށްވީ އިރު އެއީ މާލީ ބައިވެރިވުން، މާލީ ހޭލުންތެރިކަމާއި ކަސްޓަމަރުން ބާރުވެރިކުރުވުން، ޑިޖިޓަލް ފައިނޭންސް އަދި އިނޮވޭޝަން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން، ތިމާވެއްޓާ ރައްޓެހި މާލީ ހިދުމަތްތައް، އައު މާލީ އީޖާދުތައް، އަދި މާލީ ދާއިރާއަށް ކޮށްފައިވާ ހާއްސަ ހިދުމަތުގެ އެވޯޑެވެ.
ިއީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރާ މުއައްސަސާތަކުގެ މެދުގައި އީޖާދީ މަސައްކަތްތަކާއި، މާލީ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެމްއެމްއޭއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެއްގެ ގޮތުގައި ސިފަ ކުރެއެވެ.