މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އަލަށް ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް" ގައި، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އަށް "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް އަރުވައިފިއެވެ.
އެމް.އެމް.އޭ އިން މީޑިއާތަކަށް ފޮނުވާފައިވާ ބަޔާނެއްގައި ބުނީ މި އެވޯޑަކީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި އައު އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ހިދުމަތްތައް ޒަމާނީ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެއް ކަމަށެވެ.
އެމް.އެމް.އޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދޭން ފެށި މި އެވޯޑްތަކަކީ، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު ހިދުމަތްތަކެއް ކޮށްދީފައިވާ މުއައްސަސާތަކާއި ފަރުދުންގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑްތަކެކެވެ.
އެގޮތުން އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" ކެޓަގަރީއިން އެވޯޑް ދެނީ، ޑިޖިޓަލް ޓެކްނޮލޮޖީ އާއި އައު އީޖާދުތައް ބޭނުންކޮށްގެން މާލީ ހިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންގެ ތަޖުރިބާ އާއި، ހިދުމަތް ދިނުމުގެ ހަލުވިމިނާއި، މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދީ، މުޅި މާލީ ބާޒާރު ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ކަމަށް އެމް.އެމް.އޭ އިން މައުލޫމާތުދެއެވެ.
ބީ.އެމް.އެލް އަށް އެ އެވޯޑް ލިބުނީ ރާއްޖޭގެ ބޭންކިން ދާއިރާ ޒަމާނީ ކުރުމަށް އެ ބޭންކުންކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކާއި، މުޅި ރާއްޖެއަށް ޑިޖިޓަލް ބޭންކިން ހިދުމަތްތައް ތައާރަފުކޮށް ފުޅާކުރުމުގައި އަދާކުރަމުންދާ އިސް ދައުރުގެ ސަބަބުން ކަމަށެވެ. އަދި އެވޯޑް ޕެނަލުން، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީއަށް ބިނާވެފައިވާ މާލީ ހައްލުތައް ހޯދައިދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ސަބަބުން، ކަސްޓަމަރުން ބޭންކިން ހިދުމަތް ހޯދާ އަދި ބޭނުންކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަކުރި ކަމަށްވެސް އެމް.އެމް.އޭ އިން ބުނެއެވެ.
ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލް ބޭންކިން އަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު ބަޔަކަށް ވެފައިވާ ކަން ފާހަގަކޮށް އެމް.އެމް.އޭ އިން ބުނީ މޮބައިލް ބޭންކިން އެޕްލިކޭޝަންތަކާއި، އިންޓަނެޓް ބޭންކިން، ސެލްފް ސާވިސް ބޭންކިން އަދި ޑިޖިޓަލް ޕޭމަންޓް ހިދުމަތްތަކުގެ ސަބަބުން، ބޭންކުގެ ބްރާންޗުތަކަށް ދިއުމުގެ ބަދަލުގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މާލީ މުއާމަލާތްތައް ހިންގުމުގެ މަގު ތަނަވަސްވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ރަށްތައް ވަކިވަކިން އޮތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި ޑިޖިޓަލް މާލީ ހިދުމަތްތަކުގެ ދައުރު ބޮޑު ކަމަށާއި، މި ހިދުމަތްތަކުގެ ސަބަބުން އެކި ރަށްރަށުގައި ދިރިއުޅޭ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މާލީ ހިދުމަތްތައް ހަލުވިކަމާއެކު ލިބިގަތުމަށް ފަސޭހަވެފައިވާ ކަމަށް އެމް.އެމް.އޭ އިން ބުނެ އެވެ.
އެމް.އެމް.އޭ އިން ބުނީ މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް އަކީ މާލީ ދާއިރާގެ އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް ތައާރަފުކުރި އެވޯޑެއް ކަމަށެވެ.. އޭގެ ތެރޭގައި މާލީ ހިދުމަތްތައް އެންމެނަށް ފޯރުކޮށްދިނުން (ފައިނޭންޝަލް އިންކްލޫޝަން)، ޑިޖިޓަލް ފައިނޭންސް، ގްރީން ފައިނޭންސް، އަދި އާދަޔާ ހިލާފު އައު އީޖާދުތައް ފަދަ ދާއިރާތައް ހިމެނޭ ކަމަށް މައުލޫމާތު ދެ އެވެ.