ޔޫރަޕަށް ކުރިމަތިވި ގަދަ ހޫނުގެ ސަބަބުން ސްޕެއިން އިން 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އޮފިޝަލުން ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަކީ އެ ގައުމުގެ ތާރީޚުގައި ވެސް އެންމެ ހޫނުގަދަ ދުވަސްތައް ކަމަށް ރިކޯޑުތަކުން ދައްކައެވެ.
އާންމު ސިއްހަތާ ބެހޭ ކާލޯސް III އިންސްޓިޓިއުޓުން ބުނާ ގޮތުގައި، ގަދަ ހޫނުގެ އަސަރުކޮށްގެން ސްޕެއިނުން 1،028 މީހުން ވަނީ މަރުވެފައެވެ.
މި އަދަދަކީ 2025 ވަނަ އަހަރުގެ ޖޫން މަހު ހޫނުގެ ސަބަބުން މަރުވި ކަމަށް ރިކޯޑުކުރި 407 މީހުންނާ އަޅާބަލާއިރު ދެ ގުނައަށްވުރެ ގިނަ އަދަދެކެވެ. ސްޕެއިންގެ ގައުމީ މޫސުމާ ބެހޭ އިދާރާ (އޭމެޓް) އިން ބުނާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖޫން މަހަކީ އެ ގައުމުގައި ރިކޯޑުތައް ބަލަހައްޓަން ފެށިފަހުން އެންމެ ހޫނުގަދަވި ޖޫން މަހެވެ.
އޭމެޓުން ބުދަ ދުވަހު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަކީ ސްޕެއިންގައި ރިކޯޑުތައް ބަލަހައްޓަން ފެށިފަހުން މިހާތަނަށް އައި އެންމެ ހޫނުގަދަ ދުވަސް ވަރެވެ.
އެ ދުވަސްވަރުގެ ފިނިހޫނުމިން އާންމު މިންވަރަށްވުރެ 1.6 ޑިގްރީ ސެލްސިއަސް މަތި ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ޖޫން 2026 އަކީ އެ ގައުމުގެ ތާރީޚުގައި ދެވަނައަށް އެންމެ ހޫނުގަދަ ޖޫން މަސް ކަމަށާއި، އެ މަހުގެ ފިނިހޫނުމިން އާންމު މިންވަރަށްވުރެ 3.2 ޑިގްރީ ސެލްސިއަސް އިތުރުކަމަށްވެސް އެ އިދާރާއިން ކުރި ޕޯސްޓުގައި ހާމަކޮށްފައި ވެއެވެ.
ޖޫން މަހުގެ ފަހުކޮޅު ޔޫރަޕަށް ކުރިމަތިވި މި ހޫނުގަދަ މޫސުމަކީ ޔޫރަޕްގެ ތާރީޚުގައި ވެސް އެންމެ ނުރައްކާތެރި މޫސުމެވެ. މޫސުމީ ބަދަލުތައް ކުރިމަތި ވަމުން ނުދާނަމަ މިފަދަ ހޫނުގަދަ މޫސުމެއް މިހާ އަވަސްއަވަހަށް އައުމަކީ "ގާތްގަނޑަކަށް ނުވާނެ ކަމެއް" ކަމަށް ވޯލްޑް ވެދާ އެޓްރިބިއުޝަން ގްރޫޕްގެ ސައިންސްވެރިން ބުނެއެވެ.
މި ހޫނުގަދަ މޫސުމުގައި ޖަރުމަނު، ޕޮލެންޑް، ޗެކް ރިޕަބްލިކް، ސްލޮވާކިއާ އަދި ހަންގޭރީގައި ފިނިހޫނުމިނުގެ ރިކޯޑުތައް މުގުރާލާފައިވާއިރު، އިނގިރޭސިވިލާތާއި ސްވިޒަލޭންޑުގައި ވެސް ޖޫން މަހުގެ ހޫނުމިން ރެކޯޑު މިންވަރަކަށް ވަނީ އުފުލިފައެވެ.