ހުޅުމާލެ ފޭސް 1ގެ 110ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓުގައި ރޯވި އަލިފާނުގެ ހާދިސާގައި މީހެއްގެ އަތާއި ފައިގެ 12 އިންސައްތަ ފިހިގެން ހުޅުާލެ ހޮސްޕޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެމްއެންޑީއެފުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ދިސާގެ މައުލޫމާތު ރޭ 01:10 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 01:23 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާގައި، 2 ކުޑަކުދީންނަށާއި 3 މީހުނަށް އަލިފާނުގެ ސަބަބުން އެކި ވަރުގެ އަސަރުކޮށްގެން، ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ އިރު މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ދެ މީހަކަށް މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ އަތް ފިހިގެން ފަރުވާ ހޯދަމުންދާ ފިރިހެނަކާއި، ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި ފިރިހެނެއް ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފަ އެވެ.
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި، ފިހިގެން ފަރުވާދެމުންދާ މީހާގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައެވެ.
ހަމަމިއާއެކު މި ހާދިސާގައި ރޯވި އަލިފާންގަނޑު ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮންޓްރޯލްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިން ރޫމުގައި އޮތް 'ޓޫލް މެލްޓިން ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭކަމަށެވެ.
މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިތުރަށް ދިރިނޫޅެވޭ ވަރަށް ތަން ހަލާކުވެފައިވާ އިރު، މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ފޯރުކޮށްދެމުން ދަނީ ފޯރި ކޮށްދެމުން ކަމަށް މައުލޫމާތުލިބެ އެވެ.