ކެޕްޓަން ހެރީ ކޭންގެ ދެ ލަނޑާއެކު ފަހަތުން އަރައި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ދި ކޮންގޯ ބަލިކޮށް، އިންގްލެންޑުން ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.
އިންގްލެންޑުން ކޮންގޯގެ މައްޗަށް އުނދަގޫ މޮޅެއް ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅު ކޮންގޯއިން ލީޑު ނަގާފައި ވަނިކޮށް އިންގްލެންޑުން ނަތީޖާ އަނބުރާލީ މެޗުގެ ފަހު ވަގުތުގަ އެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ހަތް ވަނަ މިނެޓުގައި ކޮންގޯއިން ވަނީ ލީޑު ނަގާފަ އެވެ. މި ލަނޑު ޖަހައިދިނީ ބްރަޔަން ސިޕެންގާ އެވެ.
މި ލަނޑަށް ފަހު، މުޅި ޓީމު ފަހަތަށް ޖެހިގެން ކުޅެމުން ދިޔަ ކޮންގޯ ކޮޅަށް އިންގްލެންޑުން ފުރަތަމަ ހާފުގައި ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ދެވަނަ ހާފުގެ ބޮޑު ބައި ކުޅެވުނު އިރުވެސް ލީޑުގައި އޮތް ކޮންގޯގެ ގޯލު އިންގްލެންޑުން ފޫއަޅުވާލީ، 75 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ހުރަސްކޮށްދިން ބޯޅައަކުން ހެރީ ކޭން ބޮލުން ކާމިޔާބުކުރި ލަނޑުންނެވެ.
ދެވަނަ ހާފުގައި ގެނައި ބަދަލުތަކާއެކު އެޓޭކްތައް ވަރުގަދަކުރި އިންގްލެންޑް މޮޅުވި ލަނޑު ފެނިގެންދިޔައީ މެޗުގެ 86 ވަނަ މިނެޓުގަ އެވެ. މިއީ ކޮންގޯގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން ކޭން ޖެހި ލަނޑެކެވެ.
މިއީ މިއަހަރުގެ މުބާރާތުގައި ކޭން ކާމިޔާބުކުރި ފަސް ވަނަ ލަނޑެވެ. އަދި މިރޭގެ ދެ ލަނޑާއެކު ކޭން ވަނީ ޖުމްލަ 13 ވޯލްޑް ކަޕް ލަނޑު ހަމަކޮށް، މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ބްރެޒިލްގެ ލެޖެންޑު ޕެލޭ ފަހަތަށް ޖައްސާލައިފަ އެވެ.
ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑް ވޯލްޑް ކަޕްގެ ގަދަ 16 ގައި ނުކުންނާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ.